މިހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ކުރެވުނުހާވެސް ކަމަކީ ރާއްޖެ ބޮޑު ތަނުން ދަރަނިވެރި ކުރުންކަމުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ނަވާޒް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ހޮވަން ޖެހެނީ މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓުނަ ނުދީ ކުރިޔަށްގެންދިޔުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނި ބޮޑުވާނެ ކަމަށް ބުނެ މަޝްރޫއުތައް ހުއްޓާލާނެ ބަޔަކަށް ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ. އަދި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަތަކާއި ގުޅިގެން ނަވާޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ފޭރާން އެއްކޮށް ވީދި ކުދިކުދިވެ ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުން ނޫންކަމެއް މިދައުރުގައި ވެފައި ނެތްކަމަށެވެ. ރާއްޖެ ދަރަނިވެރިކޮށް ރައްޔިތުން އިގްތިސާދީ ބޮޑު އަދަވަޅަކަށް ވައްޓާލާފައިވާކަމީ ފެންނަން އޮތް ހަގީގަތްކަމަށް ނަވާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާލަތުން ގައުމު އަރައިގަތުމަށް ގޮތް ހައްލަކީ ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހިމް އިންތިޚާބު ކުރުންކަމަށެވެ.
މިޤައުމު ބޮޑު ތަނުން ދަރަނިވެރި ވުމާއި، އިޖުތިމާއީ އަދި އިޤްތިޞާދީ ފޭރާން އެއްކޮށް ވީދައި ކުދިކުދިވެ ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުވުން ނޫންކަމެއް ކުރެވިފައިނެތް. ދެން ކޮން ދެ ވަނަ ގަރުނުގެ ވާހަކައެއްތޯ. މިއީ ޤާސިމްގެ ފަހަރު.
– ނަވާޒު ވިދާޅުވިއެވެ.
މިއަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް ބަޖެޓުގައިވެއެވެ.
މިއަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއްކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މި އަހަރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށާއި އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށެވެ.