ހުސްވެފައިވާ ހައި ކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލައްވާނެ ފަނޑިޔާރަކު ނުވުމުން އަލުން އެމަގާމަށް ކުރިމަތިލެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ހައި ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އަދި މިހާރު އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު ހުސައިން ޝަހީދުއެވެ.
އިސްފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލި މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވެފައިވާއިރު އެ މަގާމަށް އެއްވެސް ފަނޑިޔާރަކު ކުރިމަތިލައްވާފައިނުވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެހެންކަމުން އަލުން އެމަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލާނެއެވެ.
އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވޭނީ މިހާރު ވެސް ހައި ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށެވެ. އިސް ފަނޑިޔާރަކު ހޯދުމަށް އެންމެ ފަހުން ހުޅުވާލި މުއްދަތުގައި އެއްވެސް ފަނޑިޔާރަކު ކުރިމަތިލާފައިނުވާއިރު މިހާރު ވަނީ އެ ކޯޓަށް އަލަށް ފަނޑިޔާރަކު ވެސް އައްޔަނު ކޮށްފައެވެ. އެއީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ޝަކީލްއެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ދެން ހުޅުވާލާ މުއްދަތުގައި ޝަކީލަށް ވެސް އެ ފުރުސަތު އޮންނާނެއެވެ.
ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓަށް ވެސް އިސް ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކުރިއެވެ. އެނގިފައިވާ ގޮތުގައި އެ މަގާމަށް އެދި އެއް ފަނޑިޔާރަކު ކުރިމަތިލެއްވިއެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވެފައިވަނީ, އެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސް ގާޒީ އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުންނެވެ. އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ގާޒީ އަހުމަދު ނިމާލް ޖުނައިދުއާއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް ހައި ކޯޓަށް އައްޔަނު ކުރުމަށް އެ މަގާމަށް ކުރިމަތިލެއްވުމަށް ވެސް ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. އަދި އެ މުއްދަތު ހަމަވެފައެއް ނުވެއެވެ.