ފެނަކަ އެމްޑީ ސައީދު ކުންފުނީގެ ޚަރަދުގައި 2.8 މިލިއަން ރުފިޔާގެ ކާރެއް ގަނެފި

ފެނަކަ އެމްޑީ ސައީދު ކުންފުނީގެ ޚަރަދުގައި 2.8 މިލިއަން ރުފިޔާގެ ކާރެއް ގަނެފި

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2023 02:39
0

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ދަތުރުކުރުމަށްޓަކައި ފެނައިގެ ޚަރަދުގައި 2.8 މިލިޔަން ރުފިޔާގެ ކާރެއް ގެނައިވާކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތައް އުފެއްދުމާއި ރެގިއުލޭޓް އަދި މޮނީޓާ ކުރުމަށް ގާނޫނެއް އުފެއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރުގެ ބަހުސްގައި އުޝާމް ވަނީ މިސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ އަމަލުތަކެއް ހިންގާކަމަށް ވިދާޅުވެފައެވެ.

މިކަންކަމަކީ ބަލަންޖެހޭ މައްސަލަތަކެއް ކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެނަކައިގެން އެމްޑީ ސައީ މާލެއާއި ހުޅުމާލޭގައި ދަތުރުކުރަން އަގުބޮޑު ކާރެއް ގަނެފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއީ 2.8 މިލިޔަން ރުފިޔާގެ އަގުބޮޑު ކާރެއްކަމަށެވެ. ފެނަކައަކީ ދެބިލިއަން ރުފިޔާއަށް ދަރާފައި އޮތް ކުންފުންޏަކަށްވާއިރު، ކުންފުނިން ކުދިކުދި ވިޔަފާރިތަކަށް އެއްލައްކައިން ދެލައްކައިން ފައިސާ ނުދެވިގެން ކުދިކުދި ވިޔަފާރިތައް ވަނީ ބަނގުރޫޓްވެފައި ކަމަށް އުޝާމް ވިދާޅުވިއެވެ.

އަޅުގަނޑު ރައްޓެއްސަކާއި ވާހަކަ ދައްކަން ހުއްޓާ މިދަނީ ވަރަށް ރީތި ހުދު ކުލައިގެ ކާރެއް. ދެން އަޅުގަނޑުގެ ރަހުމަތްތެރިޔާ މިއަހަނީ އުޝާމްއަށް އެނގޭ ހެއްޔޭ އެއީ ކާކުގެ ކާރެއްކަން. ކޮންތަނަކުން ގެނެސްފައި އޮތް ކާރެއް ކަން. އަޅުގަނޑު ނޭނގެއޭ ދެންނެވުމުން ބުނީ ތިއީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މާލެ އިން ހުޅުމާލެ އަށް ދަތުރުކޮށްލުމަށް ގަނެފައި އޮތް ކާރެކޭ.

– އުޝާމް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނަކީ އިންތިހާބުތަކަށް ނުފޫޒު ފޯރުވަން އުފައްދާފައި އޮތް ކުންފުންޏެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވަން ބައެއް ރަށްރަށުގައި 100 އިން ވަޒީފާ ދީފައި އެބަހުރި ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް މިއަދު އޮތް އެންމެ ބޮޑު ހުރަހަކީ ސަރުކާރުގެ ކުންފުނިތަކުން މިހާރު އަމަލު ކުރަމުން މިދާ ގޮތް ކަމަށެވެ. ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ރައްޔިތުންނަށް ލިބިދިނުން ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭ ކަމަށް ވަންޏާ އެގައުމެއްގައި ޑިމޮކްރަސީ އޮތް ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.