މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިހާރު އުޅުއްވަނީ ރޭހުގެ ކުރީގައި ކަމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދުމަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު ރައީސް ސޯލިހް އިއްޔެ ވަނީ މުލިއާގޭގައި ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެބައްދަލުވުމަށްފަހު އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކި ޕާޓީތަކުން ތައްޔާރުވަމުންދާއިރު މިހާރުވެސް އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން އޮތީ މާކުރީގައިކަމަށެވެ. ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުމަށް މިހާރުވެސް 2 ޕާޓީއަކުން ކޯލިޝަން ހަދާފައިވާއިރު އެހެން ޕާޓީތަކުން އަދިވެސް އުޅެނީ ކެނޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާގައިކަމަށް އިމްރާން ވިދާޅުވިއެވެ.
މާތް ރަސްކަލާންގެ ރަހުމަތާއި އެކު މިހާރުވެސް އަޅުގަނޑުމެން މިތިބީ ރޭހުގެ ކުރީގަ. ރައީސް ޞާލިހާއިއެކު އިތުރު 2 ޕާޓީ. އެހެން ބޭފުޅުން އަދި ކެނޑިޑޭޓަކާއި ބެހޭ މަޝްވަރާތަކުގަ.
– އަދަލާތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމްއަށް ނިސްބަތްކޮށް ބެލެވެއެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހުގައި ވާދަކުރާއިރު، އެމްއާރުއެމްއިން އަދި ވަކި ގޮތެއް ނުނިންމައެވެ.
މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭތޯ ނުވަތަ އެ ބޭފުޅުން ވަކި ކުރުމުގެ ވިސްނުން ގެންގުޅެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހިޔާލު ތަފާތުވާ ބަޔަކާ އެކީގައި ކެމްޕެއިނެއް ނުކުރެވޭނެ ކަމަށާއި އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އިން ކެންޑިޑޭޓަކު ނެރޭ ކަމުގައި ވާނަމަ، ކެމްޕެއިން ކުރިއަށްދާ އިރު ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށެވެ. އެ ހިސާބުން އެއަށް ވާހަކަ ދައްކާ ގޮތެއް ނިންމަން ޖެހޭ ހާލަތެއް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދުގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.