ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރަ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީީ ޕާޓީއާއި، އެމްއާރުއެމްއަށް އެކީގައި ނުތިބެވޭނަމަ، މިހާރު އޮތް ކޯލިޝަން އެއްބަސްވުން ނިމުމަކަށް އަންނަނާކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ކޯލިޝަން ހަދާފައިވަ އަދާލަތާއި އެމްޑީއޭއާއިއެކު ބޭއްވި މަޝްވަރާތަކަށްފަހު މުލިއާގޭ ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ ރިޔާސީ އިންތިޚާބަކާއި ކުރިމަތިލާއިރު އެކީގައި ކުރިއަށް ނުދެވޭނަމަ އެބަޔަކު ޖެހޭނީ ކޯލިޝަނުން ވަކިވާން ކަމަށެވެ. ރިޔާސީ އިންތިޚާބަށް މިހާރު އޮތް ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމް އިން ދޭނެ ޖަވާބަކަށް އަދިވެސް އިންތިޒާރު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭތޯ ނުވަތަ އެ ބޭފުޅުން ވަކި ކުރުމުގެ ވިސްނުން ގެންގުޅެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހިޔާލު ތަފާތުވާ ބަޔަކާ އެކީގައި ކެމްޕެއިނެއް ނުކުރެވޭނެ ކަމަށާއި އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގަބޫލު ކުރަން ވާނެ ހިޔާލު ތަފާތުވާ ބައެއްގެ ތެރޭގައި ޑިޒިޝަންތަކެއް ނަގާ އިރު ތިބޭ ކަމުގައިވާ ނަމަ، އެކަމެއް އެގޮތަކަށް ނުވާނެ. އަޅުގަނޑުމެންގެ އެގްރީމަންޓެއް އެބައޮތް އެގްރީމަންޓުގައި މި އޮންނަނީ ދައުރު ނިމެންދެން އެކީގައި ތިބެން. އެއީ އަކުރުން އަކުރަށް މާނަ ކުރީމަ އޮންނަ ގޮތް. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރު، އަޅުގަނޑުމެންނަށް އެކީގައި ނުތިބެވޭ ނަމަ، އެއޮތީ އެގްރީމަންޓް ނިމުމަކަށް ގެންނަން ޖެހޭ ހިސާބަށް ގޮސްފަ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދުގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ރައީސް ވަނީ ވަރަް ފަހުން ރައީސް އޮފީހުގައި ޤާސިމާއި ބައްދަލު ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ތާއީދު ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އަނެއްކާވެސް ވިދާޅުވިއެވެ. އެ ވާހަކަފުޅު ތަފްސީލް ކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކޯލިޝަނާ ގުޅެން ނިންމައިފި ނަމަ މި އިންތިހާބު 60 ޕަސެންޓަށް ވުރެ މަތިން ކާމިޔާބު ކުރެވޭނެ ކަމަށެވެ.