ފުރަތަމަ ހާފުގައި އިބްރާހިމް އައިސަމް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު ޕާކިސްތާނާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
ލ. ގަމު ޒޯން ސްޓޭޑިއަމްގައި ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންގެ ހާޒިރުގައި މިއަދު ހަވީރު ކުޅުނު މިމެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ އައްޑޫ އާއި މާލޭ ނޫން ސަރަަހައްދެއްގައި ބައިނަލްއަގުވާމީ މެޗެއް ހޯސްޓްކުރި ފުރަތަމަ ފަހަރެވެ.
އަދި މިއީ 10 އަހަރަށްފަހު ބައިނަލްއަޤްވާމީ ފުޓުބޯޅަ މެޗެއްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އެންމެފަހުން މި ދެ ޓީމު ކުޅުނީ 2013 ވަނަ އަހަރުގައެވެ. 2013 ވަނަ އަހަރު ރާއްޖޭން މާލޭގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުން އެއް މެޗުގައި 3-0 އިން މޮޅުވިއިރު، އަނެއް މެޗު ނިމުނީ 1-1 އިން އެއްވަރުވިއެވެ.
ޕާކިސްތާނާ ދެކޮޅަށް ކުޅުނު ރާއްޖެ ޓީމުގެ ފުރަތަމަ އެގާރައިގައި ތިބީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. މެޗުގައި އައިސަމް ލަނޑު ޖެހި ނަމަވެސް މެޗުގެ އިތުރުވަގުތުގައި އައިސަމް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެހެންކަމުން ރާއްޖެއިން މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު އައިސަމް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. މިއީ ހަމްޒާާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުން ފުންމައިގެން އަރައި އައިސަމް ކާމިޔާބުކޮށްދިން ލަނޑެކެވެ. މުޅި މެޗުގައި ވެސް ދިވެހި ޓީމުގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ.
މެޗުގެ ފަހު ކޮޅުގައި ބަދަލަކަށް ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ކުޅެން އަރާފައެވެ. ދެވަނަ ހާފުގައި ޕާކިސްތާނުން ދިވެހި ހާފުގައި ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ރަނގަޅު ހަމަލާއެއް އެ ޓީމަށް އުފެއްދޭގޮތެއް ނުވިއެވެ.