ރާއްޖެއާއި ޗައިނާގެ އެކުވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަކީ ހިނގާނެ އެއްބަސްވުމެއް ކަމުގައި މި އެއްބަސްވުން އެކުލަވާލިއިރު އޭރުގެ ޓްރޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއާއި ޗައިނާގެ އެއްބަސްވުމަށް އިޝާރާތްކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އެފަދަ އެއްވެސް އެއްބަސްވުމެއް ނެތްކަމަށެވެ. އަދި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އެއްވެސްވަރަކަށް ބޭނުންނުވާކަންވެސް ހާމަވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ މިވާހަތަކަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ޗައިނާއާއިއެކު ހަދާފައިވާ އެއްބަސްވުން އެކްޓިވް ވާނެކަމަށެވެ. ސައީދު ވިދާޅުވީ މިއަދު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވަނީ ސަރުކާރުގެ އެތެރޭގައި އިސްކޮށް ތިއްބެވި ދެ ބޭފުޅުންގެ ސިޔާސީ ވާދަވެރިކަން ބޮޑުވުމުންކަމަށެވެ. ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ އަމިއްލަ އެޖެންޑާތައް ބޮޑުވުމުން މިއަދު ޤައުމުގެ މިނިވަންކަމަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާކަމަށް ސައީދު ވިދާޅުވި އެވެ.
"ޗައިނާއާއިއެކު ހަދާފައިވާ FTA އެކްޓިވް ވާނެ. FTA އަށް ވެސް، އަދި ޤައުމުގެ މިނިވަންކަން ކޮމްޕްރޮމައިޒް ވެގެން އުޅެނީވެސް ރައީސް ޞާލިހު އާއި ރައީސް މުހައްމަދު ނަޝީދުގެ "ޕަވާ ސްޓަރަގަލް" އަދި އެކަމަށް ވާގިވެރިވާ ބޭރު ޤައުމުތަކުން ގަނާނެ ފަޅިއެއް ޔަގީން ނުވާތީ" ސައީދު ވިދާޅުވި އެވެ.
މިއެއްބަސްވުމާއި ގުޅޭގިތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާކަމަށް ބުނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެކަމަށެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދު ކުރީ ސަރުކާރުން ޤާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ ޤާނޫނުތަކެއް މަޖިލީހުން ފާސްކޮށްގެންކަމަށެވެ. އަދި އެއްބަސްވުމުން ދިވެހި މަސްވެރިންނަށްވެސް ފައިދާއެއް ނުކުރާނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
"މިވަގުތު އޮޕަރޭޝަނަލް އެފްޓީއޭއެއް ނެތްކަމަށް އަޅުގަނޑު ދެކެން. މިހާރު އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އޮޕަރޭޝަނަލައިޒް ވަނީ މި މަޖިލީހުން އިތުރު ގުޅޭ ޤާނޫނުތަކެއް ހަދައިގެން. އެއީ މިމަޖިލީހުގެ ޒިންމާއެއް. އަދި މިހާތަނަށް ބެލިބެލުމުގައި މަސްވެރިންނަށް މާބޮޑު ފައިދާއެއް ވާނެކަމަކަށް ނުބެލެވޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ފެންނަން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް 2018 ވަނަ އަހަރު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ