ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
ޖުމުލަ 82.99 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އީއައިއޭ ހަދާނީވެސް އެމްޓީސީސީންނެވެ.
މި މަޝްރޫއުގެ ދަށުން:
- 10.15 ހެކްޓަރުގެ ބިން ހިއްކާނެ (މިހާރުގެ ބިމުގެ ސައިޒަކީ 9.19 ހެކްޓަރު)
- 940 މީޓަރުގެ ހިލަ ރިވެޓްމަންޓެއް ޖަހާނެ
- 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖަހާނެ
- 88 މީޓަރުގެ ގްރޮއިން ޖަހާނެ
އާބާދީގައި ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ ގުޅިއަކީ ގެސްޓްހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެގޮތުން އެ ރަށުގައި މިހާރުވެސް ރަނގަޅު ފެންވަރުގައި ހިންގާ 12 ގެސްޓްހައުސް ހުރި އިރު، ގެސްޓްހައުސްތަކުގައި ހުރި އެނދުގެ އަދަދު 100 އަށް އަރަ އެވެ.
ގުޅީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމެވެ. އެގޮތުން ރަށް އެއްކޮށް ފުރިފައިވާއިރު، ރަށު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ރަށުން އެންމެފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 25 އަކަށް އަހަރު ކުރިންނެވެ.
ކޮމެންޓު ފޮނުވާ