ޓެރަރިޒަމާ ދެކޮޅަށް އޯއައިސީ ގެ މެމްބަރު ޤައުމުތަކުން މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދު ގޮވާލައްވައިފިއެވެ. މިނިސްޓަރ ޝާހިދު މިކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
"ސުލްޙައާއި ތަރައްޤީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް"، މިޝިޢާރުގެ ދަށުން ނީޖަރ ގެ ވެރިރަށް ނިއާމޭގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯ.އައި.ސީގެ މެމްބަރު 57 ޤައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން އެޖަމްޢިއްޔާގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި މުސްލިމް އުއްމަތަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
The #OIC47CFMNiamey afforded me the opportunity to engage with a number of countries. Great to talk about enhancing relations with Minister Delegate for Foreign Affairs of #Morocco, Minister of State for Foreign Affairs of #Uganda and Ambassadors of #Mozambique and #Indonesia. pic.twitter.com/OsuXEBEDZz
— Abdulla Shahid (@abdulla_shahid) November 27, 2020
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ބަޔާންކުރައްވައި، ސިއްހީ، އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާއަށް ކޮވިޑްގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އެގޮތުން ކޯވިޑް-19ގެ ރައްކާތެރިވުމަށް އަޅަން ޖެހުނު އުނދަގޫ އެތައް ފިޔަވަޅުތަކެއްގެ ސަބަބުން އިޤްތިޞާދަށް އޭގެ އަސަރުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19ގެ ސަބަބުން އޯ.އައި.ސީ ގައި ހިމެނޭ ކުދި ޤައުމުތަކަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތައް ބޮޑުކަން ފާހަގަކުރައްވައި، އެޤައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލެއްވިއެވެ.
The 47th Council of Foreign Ministers of @OIC_OCI, taking place at the beautiful Mahatma Gandhi International Conference Center in Niamey, at this time of crisis, it is crucial to build solidarity, togetherness and friendship to overcome the many challenges the world faces today! pic.twitter.com/RM9C2MNq1x
— Abdulla Shahid (@abdulla_shahid) November 27, 2020
މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ރިޔާސަތުގައި ޖީ-20 ގެ ޤައުމުތަކަށް ޤައުމުތަކުން ދައްކަން ޖެހޭ ދަރަނި ފަސްކޮށްދިނުމުގެ ފްރޭމްވަރކްއާ ހަމަޔަށް ދިޔުމާ ގުޅިގެން އެކަމަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.
އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީ ގެ މެމްބަރު ޤައުމުތަކުން މަސައްކަތްކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
މިނިވަންކަމަށް މަސައްކަތްކުރަމުންދާ ފަލަސްތީނުގެ މުސްލިމުންނަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން މިނިސްޓަރ ޝާހިދު ތަކުރާރުކުރެއްވިއެވެ. އަދި މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ކޯޓުގައި ދަ ގެމްބިއާ އާއެކު ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.
Always a pleasure exchanging views with my brother and distinguished Foreign Minister of Saudi Arabia HRH @FaisalbinFarhan. Saudi Arabia has been a true friend and a close partner of #Maldives. I thanked him for the invaluable support provided towards our development. pic.twitter.com/ZENB0qUCWL
— Abdulla Shahid (@abdulla_shahid) November 27, 2020
ސުލްޙަވެރި، އަދި އެންމެންގެ ބައިވެރިވުން އެކުލެވޭ އުއްމަތެއްގެ ގޮތުގައި ދެމި އޮތުމަށް މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، އޯ.އައި.ސީގެ ވިމެންސް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ދިވެހިރާއްޖެއިން މިދިޔަ އަހަރު ބައިވެރިވެ، އެޖަމްއިއްޔާގެ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމުގައި މިއަހަރު އޮކްޓޯބަރު މަހު ދިވެހިރާއްޖެއިން ބައިވެރިވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެޖަމްއިއްޔާއާ ނުގުޅި ހުރި ޤައުމުތަކުން އެ ޖަމްޢިއްޔާ އާ ގުޅުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާ، ދަ ގެމްބިއާ، ތުރުކީވިލާތް، ޕާކިސްތާން، އަފްޣާނިސްތާން، މޮރިޓޭނިއާ އަދި ސެނެގާލްގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީއެވެ.
މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.
ކޮމެންޓު ފޮނުވާ