އިތުރު 4 އެޑްވައިޒަރުން އައްޔަންކޮށް، ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުންގެ އަދަދު 12 އަށް

އިތުރު 4 އެޑްވައިޒަރުން އައްޔަންކޮށް، ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުންގެ އަދަދު 12 އަށް

Author
ހުސެއިން
21 މާރޗް 2023 10:32
0

ޖުމުހޫރީ ޕާޓީގެ ލީޑަރު އެޑްވައިޒަރުންގެ މަގާމަށް އިތުރު 4 ބޭފުޅަކު އައްޔަން ކޮށްފިއެވެ. އިއްޔެ ބޭއްވުނު އެޕާޓިގެ ކައުންސިލްގައި އަލަށް އެޑްވައިޒަރުކަމަށް އައްޔަން ކުރައްވާފައިވަނީ، ފާއިތުވި ފެބްރުއަރީމަހު ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ނާއިބު ލީޑަރުކަމަށް ވާދަކޮން އިންތިޚާބުން ބަލިވި ފަރާތްތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ އެޕާޓީގެ ހެޑުކުއާޓަރުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމުގައިވާ ޔަޝްފާ އަބުދުލް ޢަނީއާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން އަބުދުލް ޢަނީ (ހަނަފީ) އާއި، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ އަހުމަދާއި، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީއެވެ.

އިއްޔެ ބޭއްވުނު ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި، އެޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގެ ތިއްބެވި ހަތަރު ބޭފުޅަކަށް ޕްރޮމޯޝަން ލިބި، އެޑްވައިޒަރުކަމުން ވަނީ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމަށް ބަދަލު ކުރައްވާފައެވެ. އެ ހަތަރު ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކާއި، ރައްޔިތުންގެ މަޖިލިހުގެ ވިލިފުށި ދައިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަބުދުﷲ ނަވާޒްއާއި ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދެވެ.

އޭގެ އިތުރުން، ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވި އިލްހާމް އަހުމަދު ވަނީ ދާދިފަހުން އުފެއްދި، ގާސިމް އިބުރާހިމްގެ ސްޕެޝަލް އެންވޯއިގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

ޖުމުހޫރީ ޕާޓީގެ އަސާސީ ގަވާއިދުން އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލަށް އައްޔަންކުރާ 10 މެމްބަރުންގެ ތެރެއިން ދެބޭފުޅަކުވެސް އިއްޔެވަނީ އައްޔަން ކޮށްފައެވެ. އެ ދެބޭފުޅުންނަކީ އިބުރާހިމް ޖިހާދުއާއި އަބުދުﷲ ރަޝީދެވެ.

ޖުމުހޫރީ ޕާޓީ ހިމެނިގެންދަނީ ޕާޓީގެ އިސް ބޭފުޅުންގެ ގޮތުގައި، އިންތިޚާބުތަކުގައި ވާދަކުރުމަކާ ނުލާ، އައްޔަން ކޮށްފައިވާ ބޭފުޅުން އެންމެގިނަ އެއްޕާޓީ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ا احمد
މަ ނުގެންދަމުތަ އެޑްވައިޒަރަކަށް؟