ޕުޓިންއާއި ޝީ ބައްދަލު ކުރައްވައިފި

ޕުޓިންއާއި ޝީ ބައްދަލު ކުރައްވައިފި

ޗައިނާގެ ރައީސް ޝީ ޖިންގޕިންއާއި ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން ރަޝިއާގައި ބައްދަލު ކުރައްވައިފިއެވެ.

ރަޝިއާއާއި ޗައިނާގެ ރަޝިއާގެ ރައީސުން ބައްދަލު ކުރައްވާފައިވަނީ ޗައިނާގެ ރައީސް މިހާރު ރަޝިއާއަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައެވެ.

މިއަދު ޝީ ރަޝިއާއަށް ވަޑައިގަތުމަށްފަހު، ޕުޓިން ވިދާޅުވެފައިވަނީ، މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމަށް ހުއްޓާލުމާއި ގުޅޭގޮތުން ޗައިނާއިން ހުށަހަޅާފައިވާ 12 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭން ދިރާސާ ކޮށްފައިވާ ކަމުގައެވެ. އަދި އޭގެ ކުރިން ޕުޓިންވަނީ ޝީއަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

ޕުޓިންއާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޝީވަނީ ޕުޓިންގެ "ހަރުދަނާ ލީޑަރޝިޕަށް" ތާއީދުކުރައްވާކަމަށް ވިދާޅުވެ، 2024ގައި ރަޝިއާގައި ބާއްވާ އާންމު އިންތިޚާބުގައި އެގައުމުގެ ރައްޔިތުން ޕުޓިންއަށް ވަރަށް ފުރިހަމަ ތާއީދެއް ކުރައްވާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޝީގެ މިދަތުރުފުޅަކީ ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިފަހުން ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޝީވަނީ މިއަދުގެ ވަގުތެއްގައި ޕުޓިންއާއެކު ވަކިން ނުރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮންނަ ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

ޝީ ރަޝިއާއަށް ދަތުރު ކުރައްވަމުން މިގެންދަވަނީ، އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ހިންގުމުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ރަޝިއާގެ ރައީސް ހައްޔަރު ކުރުމުގެ އަމުރެއް ނެރުނުތާ ދެ ދުވަސްފަހުންނެވެ.

އަދި ހުޅަނގުގެ ގައުމުތަކުން ވަނީ، ޗައިނާއިން ރަޝިއާއަށް އެއްވެސް ބާވަތެއްގެ ހަނގުރާމަމަތީ ހަތިޔާރެއް ފޯރުކޮށް ނުދިނުމަށް އިންޒާރުވެސް ދީފައެވެ.

ޝީގެ މި ދަތުރުފުޅުގައި، ޔޫކުރެއިން ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން ރަޝިއާދެމެދު އެއްބަސުވުމަށް އަންނާނޭކަމަށް ގިނަބަޔަކު ދަނީ ގަބޫލުކުރަމުންނެވެ. އެހެންނަމަވެސް ޔޫކުރެއިންއިން ބުނެފައިވަނީ އެގައުމުން ސުލްހައިގެ އެއްވެސް އެއްބަސްވުމަކަށް ބޯލަބާނީ ރަޝިއާއިން ހިފާފައިވާ އެގައުމުގެ ހުރިހާ ބިމަކުން ފޭބުމަށް ރަޝިއައިން އެއްބަސްވަކަމަށް ވާނަމަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *