ސެނެގާލް އަދި ބަޔާން މިއުނިކްގެ އިތުބާރު ފޯވާޑު ސަޑިއޯ މާނޭ ފްލައިޓް މަތީގައި ކީރިތި ޤުރުއާން ކިޔަވަން އިނުމުން ގިނަބައެއްގެ ތައުރީފް އޭނާއަށް ލިބިއްޖެއެވެ.
މާނޭއަކީ އޭނާ ލިވަޕޫލްގައި ހޭދަކުރި ދުވަސްތަކުގައިވެސް ދީނީ އެކި އަޅުކަންތަކުގައި ޝާމިލުގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ކުޅުންތެރިއެކެވެ. އޭނާ ވަނީ އެކި ފަހަރު މަތީން އުމްރާގެ އަޅުކަންވެސް އަދާކޮށްފައެވެ. އަދި އިނގިރޭސި ވިލާތުގެ މިސްކިތްތައް ސާފު ކުރުމުގައާއި، މުސްލިމުންނަށް އެކިއެކި އެހީތެރިކަންވެސް ފޯރުކޮށް ދީފައެވެ.
ބަޔާން މިއުނިކަށް ކުޅެމުންދާ މާނޭ މިފަހަރު ފެނިގެން ދިޔައީ ފްލައިޓްގައި ބަޔާންގެ ޓީމާއިއެކު ދަތުރުކުރަނިކޮށް ޤުރުއާން ކިޔަވަން އިން މަންޒަރެވެ. އޭނާގެ ފޮޓޯ ނަގާކަން އެނގުމުން ވަނީ ޤުރުއާން ކިޔެވުމަކީ ލިބޭ ފަހުރެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް އަތުގެ އިޝާތުން ދައްކާފައެވެ.
މާނޭގެ މި ހިތްގައުމު މަންޒަރު ފެނިފައި ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިޚު ޒައިދު ވިދާޅުވީ ކޮންމެ މުސްލިމަކަށްވެސް ހަގީގީ އުފާވެރިކަން އޮތީ ކީރިތި ޤުރުއާނާއި އެކުގައި ކަމަށެވެ. ކުޅިވަރު ކުޅުނު ކަމުގައި ވީނަމަވެސް މާތް ރަސްކަލާންގެ މަތީން ހަނދުމަކުރެވޭނެ ކަމަށް ޒައިދު ވިދާޅުވިއެވެ.
ހަގީގީ އުފާވެރިކަން ވަނީ ކީރިތި ޤުރުއާނާއިއެކު! ކުޅިވަރު ކުޅުނަސް މާތް ރަސްކަލާންގެ މަތިން ހަނދުމަ ކުރެވޭނެ! އަދި ކުރަންވެސް ވާނެ! އަދި އެކަމުގެ ފޮނިމީރުކަން އެމީހަކު 2 ދުނިޔޭގައި ދެކެންވެސް ދެކޭނެ.
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
މާނޭއަކީ ދީނީ އެކި އަޅުކަން ތަކުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ ދީނީ ކަންކަމަށް ބަހައްޓަވާ ފަރުވާތެރިކަމަށްޓަކައި ގިނަ މުސްލިމުންގެ ސަޕޯޓް އޭނާއަށް ވަނީ ލިބިގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ