އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް ލުއި ނުދޭން ނިންމައިފި

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް ލުއި ނުދޭން ނިންމައިފި

މާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ ދައުވާލިބޭ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ގްރޫޕަކުން ވަދެ،އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންގެ އިތުރުން މ. ދިމިޝްގު، އުސްމާން ޝަރީފާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާލިބޭ މީހުން ވަނީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާތީ ބަންދަށް ލުޔެއް ދޭން އެދިފަ އެވެ. އަދި އެ މީހުން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށް ބުނެ ކަމަށް ވާއިރު، އެފަދަ ފުރުސަތެއް މިހާރު ނެތް ކަމަށް އެ މީހުން ބުންޏެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މީހުން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. އަދި އަދިވެސްމުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެތީ ބަންދަށް ލުއި ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ބޭއްވީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ކަމަށް ވިޔަސް، ދައުލަތާއި އަދި ދައުވާލިބޭ މީހުން ގިނަ މީހުންގެ ދިފާއީ ވަކީލުން ވެސް ބޭނުންވީ ހުލާސާ ބަޔާނާ އެއްކޮށް އެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ.

އެހެންވެ، ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ މަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުލާސާ ބަޔާނަށްފަހު ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *