މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެއައުމަށް ދަތުރު ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯގެ ފްލީޓަށް އިތުރުކުރާ އައު ބޯޓު "ޖަޒީރާ 103″ ރާއްޖެ އައުމަށް ފުރީ ކޮރެއާއިން ކަމަށާއި އެ ބޯޓު އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭކަމަށް މިފްކޯއިން ބުނެއެވެ.
މިއީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން ވެސް އެއްފަހަރާ މަސްކިރޭގޮތަށް ދެ ކެރޭން ހަރުކޮށް ހަދާފައިވާ ބޯޓެއް ކަމަށާއި ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ، ފިނިކުރުމުގެ ގާބިލުކަން މި ބޯޓަށް ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިފްކޯ އިން ބުނީ މިއީ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެއް ކަމަށެވެ.
އެ ކުންފުނިން ގެންނަން ނިންމާފައިވާ އިތުރު ބޯޓުތަކާއި ގުޅޭ ގޮތުން މިފްކޯ އިން ބުނީ އަނެއް ތިންބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފައި ކަމަށެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއިން ކޮންމެ ބޯޓެއްގައި ދުވާލަކު 60 ޓަނު މަސް ގަނެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށް ވެސް މިފްކޯ އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ