އިންތިޚާބުތަކާއި ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް އޮތް ފުރުސަތު ހަނިކޮށްފައިވާކަމަށް ބުނެ އެކި ފަރާތްތަކުން ފާޑުކިޔަމުން އަންނަ އިރު، އިލެކްޝަންސް ކޮމިޝަނުން މި އިސްލާހު ދިފާޢުކޮށްފިއެވެ.
ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ މިހާރު ގާނޫނުގައި މޮނީޓާކުރެވޭނީ ހުއްދަ ދޭ "ރިޕޯޓަރުން"ނަށް ކަމަށް އޮތުމުން އޭގެތެރޭގައި މީޑިއާތަކުގެ ތަފާތު ގިންތީގެ ފަރާތްތައް ނުހިމެނޭ ކަމަށެވެ.
ހަބީބް ވިދާޅުވީ އެ އިސްލާހު ހުށަހަޅާފައިވަނީ ނޫސްވެރިންނަށް އޮތް ފުރުސަތު ފުޅާ ކުރުމަށްޓަކައި ކަމަށާއި މި އިސްލާހުން އިންތިޚާބުތައް މޮނީޓާކުރުމަށް ނޫސްވެރިންނަށް ލިބިދޭ ފުރުސަތު ފުޅާވާ ކަމަށެވެ.
އިސްލާހުގައި އިންތިޚާބު މޮނީޓާކުރުމަށް ހުއްދަ ދޭނީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިއެކޭ އޮތްއޮތުމާ ގުޅޭގޮތުން ކުރިމަތިވާ ފާޑުކިޔުންތަކާ ގުޅިގެން ހަބީބް ވިދާޅުވީ، މީގެކުރިންވެސް އަމަލު ކުރަމުން އައިސްފައިވަނީ އެގޮތަށް ކަމަށާއި، އެގޮތުން މިހާރުވެސް އިންތިޚާބުތަކުގައި އީސީން ފުރުސަތުދެނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
ބައިނައްލަޤްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންނަށް މި އިސްލާހުގެ ދަށުން އިންތިޚާބު މޮނީޓާކުރުމުގެ ފުރުސަތު ނެތްކަމަށް ބުނާ ވާހަކައާއި ގުޅިގެން ހަބީބް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ހަބީބް ވިދާޅުވީ މީގެކުރިން ބައެއް ނޫސްތަކުން ސިޔާސީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ރިޕޯޓަރުންގެ ގޮތުގައި ފޮނުވުމުން ހިތި ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި އެހެންދިމާވުމުން ވޯޓުލާ މަރުކަޒުގެ ތެރޭގައި ކެމްޕޭންކޮށް ޤާނޫނާ ހިލާފުއަމަލުތައް ކޮށްފައިވާކަން ބައި-އިލެކްޝަންތަކުގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިފަހަރު އީސީއަށް ހުށަހަޅާ ފަރާތްތައް އީސީން އެކްރެޑިޓް ކުރާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ މޮނިޓަރުންނަށް ފުރުސަތު ނުދިނުމުގެ އެއްވެސް ވިސްނުމެއް އީސީގައި ނެތްކަމަށެވެ. އީސީގެ ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އިންތިހާބުތައް މޮނީޓާ ކުރުމުގެ ފުރުސަތު ދިނުންކަމަށް ހަބީބް ވިދާޅުވިއެވެ.
އިންތިޚާބުތަކާއިބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ. ޤާނޫނުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް ކުރިއަށް އޮތް ފުރުސަތު ހަނިކޮށްފައިވާކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޖާނަލިސްޓްސް އެސޯސިއޭޝަންގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.