ޤައުމީ އިނާމާއި، އެވޯޓުތަކަކީ ގިނަ ވޯޓު ހޯދަން ދޭ އެއްޗަކަށް ވެގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ގާތްގާތުގައި އެވޯޑު ހަފްލާތައް ބާއްވައި، ގިނަ އަދަދެއްގެ ބަޔަކަށް އެވޯޑު ދެމުންދާތީ އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. އަދި މިއަދު ދައުލަތަށް ޚިދުމަތްކުރި އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ހުޅުވާލުމާއިވެސް ގުޅުވައިގެން ވައްޑެ ވިދާޅުވީ ޤައުމީ ޝަރަފްވެރި އިނާމުތަކީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ބަހާ އެވޯޑަކަށް ވެގެން ނުވާނެކަމަށެވެ.
ޤައުމީ އިނާމާއި، ޤައުމީ އެކި އެވޯޑުތަކަކީ ވަކި މީހަކަށް ގިނަ ވޯޓު ހޯދުމަށް ބަހާ އެއްޗަކަށް ވެއްޖެނަމަ އޭގެ ނަތީޖާވެސް ރަނގަޅަށް ނުވާނެކަމަށް ވައްޑެ ވިދާޅުވިއެވެ.
ޤައުމީ އިނާމުގެ އެންމެބޮޑު ސިފައަކީ އޭގެ ޝަރަފުވެރިކަމާއި އަގު ވަޒަންކުރެވޭ މިންވަރު. ދެއިރުކާ ބޭހެއްގޮތަށް ޤައުމީ އިނާމާއި އެވޯޑުތައް ބަހައި، މިކަން “ބޮޑުގުޅަކުރުމަކީ” އެހާ ބުއްދިވެރި ކަމެއް ނޫން. ގިނަ އިނާމު ދީގެން ގިނަ ވޯޓު ހޯދަން ކުރާ ކަމެއް ގޮތަށް މިކަހަލަ ކަންކަން ނުހައްދަވާ!
– ވައްޑެ ވިދާޅުވިއެވެ.
ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް ދެއްވުމަށް ނިންމެވީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. އޭގެ ފަހުން މިހާތަނަށް އެއްފަހަރު އެއިނާމު ވަނީ ދީފައެވެ.
ދާދިފަހުން ޔޫތު މިނިސްޓްރީންވެސް ކުޅިވަރުގެ އެވޯޑުގެ ނަމުގައިވެސް ގިނަ އަދަދެއްގެ އެވޯޑުތަކެއް އެކި ފަރާތްތަކަށް ދީފައެވެ. އިޤްތިޞާދީ ގޮތުން މިހާލަތުގައި މިހާބޮޑު ޚަރަދުކޮށްގެން މިފަދަ ހަފްލާތައް ބާއްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ