އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރަން ހުރި "އަވަސް" ނޫހުގެ ނޫސްވެރިއާ ހައްޔަރު ކުރީ ފުލުހެއްގެ ގައިގައި ޖެހުމުން ކަމަށް ބުނާނަމަ، ފުލުހުން އެކަމުގެ ހެކި ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެދިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ކުރިއަށްގެންދިޔަ އެ މުޒާހަރާގައި އެ ނޫސްވެރިޔާ ހައްޔަރު ކުރިއިރު، ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ވެސް އަޅައިގެންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މުޒާހަރާ ހުއްޓުވަން ނުކުތް އެސްއޯ ފުލުހުންނެވެ. އެކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައްވެސް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.
ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން މިއަދު ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ވާހަކަތަކާއި ގުޅިގެން ވައްޑެ ވިދާޅުވީ ނޫސްވެރިޔާ ފުލުހުންގެ ގައިގައި ޖެހިކަމަށް ވާނަމަ އެކަމުގެ ހެކި ދެއްކުމަކީ މުހިންމު ކަމެއްކަމަށެވެ. ފުލުނުންގެ ފަރާތުން މީގެ ކުރިންވެސް މިފަދަ ކަންކަން ފެނިގެން ގޮސްފައިވާ ކަންތައްތަކުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާއިރު، މިއީ ތެދުކަން ހާމަކުރުމަށް ހެކި ދެއްކުމަކީ މުހިންމު ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.
ނޫސްވެރިޔާ ފުލުހެއް ގައިގާ ޖެހި ކަމުގެ ހެއްކެއް ދައްކަވަންވީ ނޫންތޯ؟ ނޫންނަމަ ކުރީއްސުރެ ކަންކުރަމުން އައި ފަދައިން މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވަނީ ކަމުގައި ދެކެވުމުގެ ޖާގަ ވަރަށް ބޮޑުވާނެ.
– ވައްޑެ ވިދާޅުވިއެވެ.
ކޯޓަށް ހާޒިރު ކުރުމުން އެ ނޫސްވެރިއާ އިއްޔެ ވަނީ ދޫކޮށްލައިފައެވެ. އޭނާ ހައްޔަރު ކުރުމާއި ގުޅިިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ ކުށްވެރިކޮށްފައެވެ. އިދިކޮޅުން ސިލްސިލާކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ފުލުހުން އަންނަނީ ހައްޔަރު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ