ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް ވަޑައިގެންނެވުމަށް ވެފައިވާ އެންމެބޮޑު އެއްވައުދަކީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދައި، އިންސާފު ޤާއިމް ކުރުމެވެ. ދައުލަތުން ފަހުތުގެ ތާރީހެއްގައި ހިންގުނު އެންމެބޮޑު ޚިޔާނާތްކަމަށް ވިދާޅުވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލައި އިންސާފު ޤާއިމްކުރާނެކަމަށް ތަކުރާރުކޮށް ދިޔައީ ވިދާޅުވަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ހާމަކޮށްފައިވާއިރު، ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
އަދި ހަމައެހެންމެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖް ލިބިފައިވާކަމަށާއި އެކަންވެސް އާންމު ކުރައްވާނެކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ. ސަރުކާރަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާ މީހުންނާއި، ޚިޔާނާތް ހިނގާފައިވާ ގޮތާއި، ޚިޔާނާތުގެ ބޮޑުންނަކީ ކޮބައިކަން ސާފުކޮށް އެގޭއިރުވެސް އިންސާފު ޤާއިމް ނުކުރެވި ދެ އަހަރު ނިމިގެން ދިއުމަކީ ގިނަ ބަޔަކު މިކަމާއި ސުވާލު އުފައްދާ ކަމެކެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މިހާތަނަށް ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމެއް ކުރެވި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންދަނީ ކުރީގެ ރައީސް ޔާމީން އެކަންޏެވެ. އެމަނިކުފާނުގެ މައްޗަށް ކުށްސާބިތު ވެއްޖެކަމަށް ކަނޑައަޅައި 5 އަހަރު ދުވަހަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. ހުކުމް ކުރެއްވި ގޮތާއިމެދު އެތައް ބައެއްގެ ހިތުގައި މިއަދުވެސް ސުވާލު އެފެދިފައިވާއިރު މިއީ ސިޔާސީ ހުކުމެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ހުކުމް ކުރަން އެއްގަޑި އިރަށް ވެފައިވަނިކޮށް ޤާޒީ ބަދަލުކޮށް، ހުކުމް އެފުށް މިފުށަށް ޖަލާހައި ރައީސް ޔާމީނަށް ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިހުކުމް ކުރެއްވި ޤާލީ އަލީ ރަޝީދަށް އޭގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަލަތުގެ އެންމެ މަތީކޯޓު ސްޕްރީމް ކޯޓުގެ ބެންޗަށް ވަނީ ލައްވާފައެވެ. މިމައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގުނު ގޮތްތަކާއި، ފެންނަ މަންޒަރުތަކުން މިޝަރީއަތާއިމެދު އެތައްބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަަ އަބްދުﷲ ޒިޔަތާއި މެދު ދައުކަތުން ވަނީ އެއްބަސްވުންތަކެއްވެސް ހަދާފައެވެ. މިއެއްބަސްވުންތަކަކީ ޤާނޫނީ ގޮތުން ކަމަށްބުނެ ހެދިފައިވާ ސިޔާސީ އެއްބަސްވުންތަކެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިމައްސަލާގައި ވަކިބަޔަކާއި އެއްބަސްވުން ހަދައި ވަކި ބަޔަކު ގޭގައި ބައިތިއްބައި، ވަކި ގޮތަކަށް މައްސަލަ ގެންދަވާކަމީ ސިޔާސީ ނުފޫޒު މިމައްސަލާގައި އޮތް މިންވަރު ހާމަވެގެންދާ ކަމެކެވެ. ރައީސް ޔާމީނަށް ހުކުމް ކުރިތާ އެއް އަހަރު ވެފައިވާއިރު، މިއަދާއި ހަމަޔަށްވެސް އެމަނިކުފާނަށް އިސްތިއުނާފުގެ ޝަރިޢަތް ނިންމޭ ގޮތް ވަނީ ނުވެފައެވެ. އިސްތިއުނާފުގެ ހުކުމް ނުކޮށް މިއަދާއި ހަމަޔަށްވެސް އެމަނިކުފާނު ޖަލުގައި ބާއްވާފައިގެން ހޭދަކުރާ ކޮންމެ ދުވަހަކީ އިންސާފުން ބޭރުން ދެވޭ އަނިޔާއެއްކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންވެސް ދަނީ ވިދާޅުވަމުންނެވެ.
ރައީސް ޔާމީން ޖަލުގައި ހޭދަކުރެއްވި އެއް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ތާއީދު ކުޑަކޮށް ރައްޔިތުންނަށް އޮތް އިތުބާރު ގެއްލުވާލުމަށް ކުރެވުނު މަސައްކަތުގައި އެމަނިކުފާނަށް މިހާރުވަނީ ކުރިން ގެންވަރުގެ ސަޕޯޓެއްލިބި، ރައްޔިތުންގެ އިތުބާރު ބޮޑުވެފައިކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް އެތައް ބަޔަކު ގޮވާލަމުންދާއިރު، އެމަނިކުފާނުގެ ޞިއްޚީ ހާލަތު ހުރިގޮތުން ގެޔަށް ބަދަލު ކުރަން އެދުމުންވެސް އެކަންވެސް މިސަރުކާރުން ކޮށްދެއްވާފައި ނުވެއެވެ. ނަމަވެސް އެމަނިކުފާނަށް ހުށަހަޅަނީ ރާއްޖެއިން ބޭރަށް ދިއުމަަށެވެ.
ރައީސް ޔާމީންގެ ނިންމުމަކީ ޖަލުގައި ކިތަންމެ ދުވަހަކު އޮންނަން ޖެހުނަށް ރާއްޖެއިން ބޭރަށް ނުދިއުމުވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރުން ބޭނުންހާ އެއްޗެއް ހަދައި، މިސަރުކާރުގެ ކުރިމައްޗަށް ކުޑަކަކޫ ނުޖަހާނެ ކަމަށެވެ. އެކަން މިއަދު ރައީސް ޔާމީން ސާބިތުކޮށްދެއްވައިފިއެެވެ. ސިޔާސީ ގޮތުންވެސް އެނޫންގޮތަކުންވެސް ޑީލެއް ހަދައި ރައީސް ޔާމީނާއިއެކީ ސަރުކާރަށް އެއްބަސްވުމަކަށް ނާދެވުމަކީ މިއަދު ފެންނަ އޮތް ހަގީގަތެވެ. އަދި ޚިޔާނާތުގެ އެތައް ތުހުމަތެއް މިސަރުކާރުގެ އެތައް ބޭފުޅުންނަކަށް މިއަދު ކުރެވޭއިރު، ކޮރަޕްޝަނާއި ޚިޔާނާތަކީ މިއަދު މިސަރުކާރުގެ އެންމެ މަތީ މަސްލަހަތު އޮތް ކަންތައްތައް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.