އެމެރިކާގެ ރައީސް ޓްރަމްޕް: ގެންދަވަނީ އިންތިޚާބުގެ މައްސަލަ ކޯޓުގައި ކުރިޔަށް ގެންދަވަމުން

ވޯޓުގެ ނަތީޖާ އިއުލާނުކުރުން ހުއްޓުވަމަަށް ޓްރަމްޕް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނާކާމިޔާބު ވެއްޖެ

ވޯޓުގެ ނަތީޖާ އިއުލާނުކުރުން ހުއްޓުވަމަަށް ޓްރަމްޕް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނާކާމިޔާބު ވެއްޖެ

އެމެރިކާގެ ދެވަނައަށް އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ހިމެނޭ ސިޓީ ކަމުގައިވާ ޕެންސިލްވޭނިއާގެ ވޯޓުގެ ސައްޙަ ކަމާމެދު ޝައްކު އުފައްދާ، ޓްރަމްޕްގެ ލޯޔަރުން އެމެރިކާގެ ފިލަޑެލްފިއާގެ އިސްތިއުނާފީ ކޯޓަށް ހުށަޙެޅި މައްސަލަ ސާބިތު ނުވާ ކަމަށް އެކޯޓުން ނިންމައިފިއެވެ.

ޓްރަމްޕް މިކޯޓަށް މައްސަލަ ވައްދާފައިވަނީ، ޕެންސިލްވޭނިއާގައި މަކަރު ހަދާ ވޯޓު އޮޅުވާލާފައިވާ ކަމަށް ވާތީ، ބައިންޑައަށް އެސިޓީ ކާމިޔާބު ކުރެވިއްޖެ ކަމަށް ނިންމާ ދާއިމީ ނަތީޖާ އިއުލާނުކުރުން ހުއްޓުވުމަށެވެ.

ޓްރަމްޕްގެ މިމައްސަލާގައި އެއްވެސް ސައްހަކަމެއް ނެތްކަމަށް ކޯޓުން ނިންމާފައިވި ނަމަވެސް، ޓްރަމްޕްގެ ލޯޔަރުން ވަނީ މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ އިސްތިއުނާފީ ކޯޓުން ޓްރަންޕް ހުށަހެޅުއްވި މައްސަލާގައި ސާބިތު ކުރާނެ އެކަށީގެންވާ ގަރީނާތަކެއް ހުށަހެޅިފައި ނުވާކަމަށް ނިންމާފައި މިވަނީ، އެމެރިކާގެ ދަށު ކޯޓުތަކަން ޓަރަމްޕްގެ ލޯޔަރުން ހުށަހެޅި ވޯޓު އޮޅުވާލިކަމަށް ތުހުމަތުކުރާ އެތަކެއް މައްސަލަތަކެއް ސާބިތު ނުވާކަމަށް ނިންމާފައި ވަނިކޮށެވެ.

ޓަރަމްޕްގެ ކެމްޕޭނުންވަނީ، އެމެރިކާގެ އެކި ސިޓީތަކުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އެތަކެއް ތުހުމަތުތަކެއް ކޮށްފައެވެ. އެހެންނަމަވެސް، ނަތީޖާއަށް ބަދަލު އަންނަވަރުގެ ބޮޑެތި މައްސަލަތަަކެއް ހިގާފައިވާ ކަމުގެ ސާބިތު ހިފޭ ހެކިތަކެއް މިހާތަނަށް އައިއިރު ކެމްޕޭން ޓީމަށް ދެއްކިފައެއް ނުވެއެވެ.

"މިނިވަން އިންސާފުވެރި އިންތިޚާބު ތަކަކީ، އަހަރުމެންގެ ޑިމޮކްރަސީގެ ލޭނާރު. އިންތިޚާބުގެ އިންސާފުވެރިކަން ގެއްލިފައިވާކަމުގެ ތުހުމަތަކީ އާދައިގެ ތުހުމަތެއް ނޫން. އެހެންނަމަވެސް، އިންތިޚާބެއްގެ އިންސާފުވެރިކަން ގެއްލިފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އިންތިޚާބުގެ އިންސާފުވެރިކަމެއް ގެއްލިގެނެއް ނުދާނެ. ކުރެވޭތުހުމަތުކާއެކު ސާބިތު ހިފޭވަރުގެ ހެކި ހުންނަންވާނެ،" ޓަރަމްޕް އިސްތިއުނާފީ ކޯޓަށް އައްޔަން ކުރެއްވި، ލޯ ސްކޫލުގެ ކުރީގެ ޕްރޮފެސްރެއް ކަމުގައިވާ، ފަޑިޔާރު ސްޓެފަނަސް ބިބަސް، ތިންފަޑިޔާރުންގެ އިއްތިފާގުން ނެރުއްވި ހުކުމުގައި ލިޔުއްވާފައި ވެއެވެ.

އެމެރިކާގެ އިސްތިއުނާފީ ކޯޓުގެ މިހުކުމަކީ، ވޯޓުގެ ނަތީޖާ އަބުރާލުމަށް ޓްރަމްޕްގެ ގާނޫނީ ޓީމުން ކުރަމުންދާ މަސައްކަތަކަށް އެންމެފަހުން ކުރިމަތިވެގެން ދިޔަ ގޮންޖެހުމެވެ. މިހާތަނަށް އައިއިރު އިންތިޚާބުގެ ނަތީޖާއާއި ގުޅޭގޮތުން ގާނޫނީ ޓީމުން ވެއްދި އެތަކެއް މައްސަލަތަކެއް ދަށު ކޯޓުތަކުން ވަނީ ބޭރުކޮށްލާފައެވެ.

މިހާތަނަށް އައިއިރު އެމެރިކާގެ ހުރިހާ މީޑިއާއަކުންވެސް ވަނީ ޖޯބައިޑްން އިންތިޚާބު ކާމިޔާބު ކޮށްފައިވާކަމަށް ބުނެފައެވެ. އެނެމް ފަހުގެ ނަތީޖާތައް ދައްކާގޮތުން ބައިޑްންއަށް ވަނީ 306 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރެވިފައެވެ. މިއީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށްވުރެ މާމަތީ އަދަދެއްގެ ވޯޓެވެ.

ރިޔާސީ އިންތިޚާބުގައި އޮޅުވާލުމެއް ނެތްކަމަށް އިސްތިއުނާފީ ކޯޓުން ނިންމާފައިވާއިރު، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވާ، އިންތިޚާބީ ރައީސް ޖޯ ބައިޑްއަށް ވައިޓް ހައުސްއަށް ވަދެވޭނީ އިންތިޚާބުގައި އޭނާ ހޯދިކަމަށް ބުނާ 80 މިލިއަން ވޯޓުގެ ސައްޙަކަން ކަށަވަރު ކުރެވުނު ދުވަހަކުން ކަމުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ބައިޑްންއަށް ވައިޓް ހައުސްއަށް ނުވަދެވޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދިންކަމުގައި ވިނަމަވެސް، ބައިޑްން ގެންދަވަނީ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ހަމަޖައްސަވަންޖެހޭ އިންތިގާލީ އިންތިޒާމްތައް ހަަމަޖައްސަވަމުންނެވެ. މިގޮތުން ވޭތުވެދިޔަ ހަފްތާގައި ބައިޑްންވަނީ އޭނާގެ ކެބިނެޓް އިއުލާން ކުރައްވާފައެވެ.

ބައިޑްން ކެބިނެޓް އިއުލާން ކުރައްވާ، އަދި ސަރުކާރުގެ އިސް މަގާމްތަކަށް ބޭފުޅުން ހަމަޖައްވަމުން ގެންދަވަނީ، އެމެރިކާ ރިޔާސީ އިންތިޚާބަށްފަހު، އިންތިގާލީ މަރުހަލާގެ ކަންކަން ހަމަޖެއްސުމާބެހޭ ހުރިހާ ޒިންމާއެއް ހަވާލުވެފައި އޮންނަ އޭޖެންސީ، ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އިން ވެރިކަން ބަދަލު ކުރުމުގެ އިންތިޒާމުތައް ފެށުމަށް ބައިޑްއަށް ރަސްމީކޮށް އެންގުމާއި ގުޅިގެންނެވެ.

ޖީއެސްއޭއިން ބައިޑްންއަށް ރަސްމީކޮށް އިންތިގާލީ މަރުހަލާ ފެށުމަށް އަންގާފއިވަނީ ޖީއެސްއޭގެ ވެރިޔާ އެމިލީ މާފީ ޖޯ ބައިޑްއަށް މިދިޔަ ހަފްތާގައި ފޮނުވި ސިޓީއެއްގައެވެ. މިސިޓީއަކީ މިއީ، މިމަހުގެ 3 ވަނަ ދުވަހު ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިވެފައިވާކަން ގަބޫލުކޮށް އެމެރިކާގެ ސަރުކާރުން މިހާތަނަށް އެޅި ފުރަތަމަ ފިޔަވަޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *