ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރާނީ ރައީސް ޔާމީނާއި އެކުގައި ކަމަށާއި، އިންތިޚާބުގައި އެއްވެސް ބައެއްގެ ފަހަތަށް ނާރާނެކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމް އާއި ރައީސް ޔާމީނާއި ގުޅޭގޮތުން އެކި ވާހަތަކަށް މިދުވަސްވަރު އެކިގޮތަށް ދައްކަމުން ދާކަމަށެވެ. ނަމަވެސް ޕީޕީއެމް، ޕީއެންސީގެ މެމްބަރުން އަބަދުވެސް ޔަގީންކުރަންވީ އެއް ކަމަކީ ޕީޕީއެމް، ޕީއެންސީން ރައީސް ޔާމީން ނުބުނާ ގޮތަކަށް އެންމެ ފިޔަވަޅެއްވެސް ނާޅާނެކަމުގެ ޔަގީންކަން ކަމުގައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ބައެއްގެ ފަހަތަށް އަރަންޖެހޭ ހާލަތެއް ނެތްކަމަށް އަދުރޭ ވިދާޅުވިއެވެ. ޕީޕީއެމްއިން މަސައްކަތް ކުރަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްކަމަށެވެ. މިއަދު އެކަން ކުރުމުގައި އެންމެ މުހިންމު ކަމަކަށް އޮތީ ރައީސް ޔާމީން މިނިވަން ކުރުންކަމަށާއި، އެކަން ހުރިހާ ރައްޔިތުންވެސް ޤައުމާއި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ.
އެއްވެސް ބައެއްގެ ފަހަތަކަށް ޕީޕީއެމް ޕީއެންސީ ނާރާނެ. މިކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ޔާމީނާއިއެކު. މިކޯލިޝަނުން ފިވަޅެއްވެސް ނާޅާނެ ރައީސް ޔާމީން ނުބުނާ ގޮތަކަށް.
– އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުން މިދާގޮތުން ރައީސް ޔާމީން މިނިވަންވުމަށް ދެން މާގިނަ ދުވަހެއް ނެތްކަން ކަށަވަރު ވާކަމަށެވެ. އެމަނިކުފާނު ޖަލަށް ލެވިފައިވަނީ ނުހައްގުން ވަކި ބައެއްގެ ސިޔާސީ މަންފާއަށް ކަމަށްވާއިރު، އެމަނިކުފާނު މިނިވަންވެ ވަޑައިގެން ދެން މަސައްކަތް ކުރައްވާނީ މާގަދަކޮށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމިން މިޤައުމުގަށް ކޮށްދެއްވި އަގުނުކުރެވޭ މަސައްކަތާއި ތަރައްޤީއަށް ދިވެހި ރައްޔިތުން އެދޭކަމަށެވެ. އެކަން އަލުން އިޔާދަ ކުރުމަށް ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި، ކުރިއަށް އޮތް އިންތިޚާބު ރައީސް ޔާމީނާއިއެކު މިއިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕް އޮތީ ބަޔަކު ދައްކާ ވާހައަކުން ބައިބައި ކުރެވޭ ގޮތަކަށް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕް އޮތީ 2018ގައި ވެރިކަން ނިމިގެންދިޔަ އިރު އޮތް އިރަށްވެސް މާ ވަރުގަދަކޮށް ކަމަށެވެ. ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށްވާއިރު، ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދާނަމަ ހަދަން އަންނަވީ ޕީޕީއެމްއާއި ކަމަށް އަދުރޭ ވިދާޅުވިއެވެ.