ރާއްޖެއާއި ގާނާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ވިސާގެ ކަންކަމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި ގާނާގެ ސަރުކާރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން މިއަދު ވަނީ މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޝާހިދެވެ. ގާނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޝަރްލީ އަޔޯރްކޯ ބޮޗްވީއެވެ.
ސޮއި ކުރެވުނު މި ދެ އެއްބަސްވުމުގެ ދަށުން ވިސާގެ ކަންކަން މިހާރަށް ވުރެ ފަސޭހައިން ހަމަޖެއްސުމާއި، ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން ފޯރުކޮށް ދޭނެ އެވެ. އެއްބަސްވުންތައް އެކުލަވާލެވިފައި ވަނީ ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ވިސާގެ ލުއި ފަސޭހަތަކާއެކު ދެ ޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
ގާނާއާއި އެކު ދިވެހި ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރީ 1989 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ