ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓަކު ނެރެ އެޕާޓީން އިންތިޚާބުގައި ވަކިން ވާދަކުރަން، ރައީސް ސާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޓްރާންސްޕޯޓު މިނިސްޓަރ، ޖޭޕީގެ ޑެޕިއުޓީ ލީޑަރ ގާސިމް އިމްބުރާހިމްގެ އަނބިކަބަލުން އަދި އެޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ ވޯޓު ދެއްވައިފިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިއަދު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ކައުންސިލްގެ 47 މެމްބަރުންގެ ބޮޑު ތާއީދަކާއެކުއެވެ. އަދި މި ކަންސިލްގެ މި ނިންމެވުމަށް، ރައީސް ސާލިހުގެ ކެބިނެޓް މިނިސްޓަރެއް ކަމަށްވާ އައިޝަތު ނަހުލާ ވޯޓު ދެއްވާފައިވާއިރު، ޖޭޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ކައުންސިލްގެ ނިންމެވުމަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކަން ކުރާނެ ގޮތަކާ މެދު ވޯޓަށް އެހި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު ކޯލިޝަން ހަދައިގެން ކުރިއަށްދާން ފެންނަ ކަމަށް ވޯޓު ދެއްވީ ސަމީރު އެކަންޏެވެ.
ޖޭޕީގެ ކައުންސިލްގެ ނިންމެވުމާއެކު، އޭނާވަނީ އެ ޕާޓިން އިސްތިއުފާ ދެއްވައިފިއެވެ.
ޖޭޕީން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރުމަށް ނަހުލާ ތާއީދު ކުރައްވާފައި ވާއިރު، ރައީސް ސާލިހުވެސް ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ.
ރައީސް ސާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ރައީސް ސާލިހު ނޫން ކެނޑިޑޭޓަކަށް ކުރިޔަށްއޮތް ރިޔާސީ އިންތިޚާބަށް ތާއީދުކުރައްވާނެކަން މިހާތަނަށް ހާމަ ކުރރެއްވި ހަމައެކަނި ވަޒީރަކީ ނަހުލާއެވެ. އެހެންނަމަވެސް މި ނިންމުމާއެކު ނަހުލާ ވަޒީރުކަމުން އިސްތިއުފާ ދެއްވާނެކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
މިއަދުގެ ޖޭޕީގެ ކައިންސިލުންގެ މިނިންމުމާއެކު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބުރާހިމްކަން ވަނީ ޔަގީންވެފައެވެ. ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރުމަށެވެ. ވޯޓަށްފަހު ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތެއް ނިންމިފައިވާކަމަށާއި، ދެން އޮތް ކުރިއަށްދާން ކުރަންވީ މަސައްކަތް ކުރުންކަމަށެވެ.
ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނިކުންނަން ނިމުމަކީ މިހާރު އޮތް ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް މިއަހަރު ނޮވެމްބަރު 11 އާއި ހަމައަށް ތިއްބަވާނެކަމަށެވެ.
އަޅުގަނޑުމެންނަކީ ސަރުކާރު ކޯލިޝަންގައި އޮތްބައެއް. ފަސް އަހަރު ނިމެންދެން މިއަހަރު ނޮވެމްބަރު 11 ވަނަ ދުވަހާއި ހަމައަށް އަޅުގަނޑުމެން ކުރިއަށްދާނެ. ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް ދެން ކުރިއަށްދާނެ އެދުވަހާއި ހަމައަށް. އަޅުގަނޑު ދަންނަވާލަން ބޭނުމީ އެއީ އެއްބަސްވުމުގައި އޮތްގޮތޭ.
ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރުމަކީ ކޯލިޝަން ރޫޅޭނެ ކަމެއް ނޫންކަމަށެވެ. 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ހެދި ކޯލިޝަންގައި ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމުމާއި ކޯލިޝަން އެއްބަސްވުމާއި ފުށޫ ނާރާކަމަށް ޤާސިމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އެއްބަސްވުން އޮތް ގޮތުން 2023 އަށް ކެނޑިޑޭޓަކު ނެރުމަކީ އަޅުގަނޑުމެން އޭގައިން ބަރީއަވާ ކަމެއްނޫން. އެއީ ވަރަށް ސާފު ސަރީހަ އިބާރާތުން އޮތްގޮތް.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާއިރު، ރިޔާސީ އިންތިޚާބުގައި ޤާސިމްގެ ތާއީދު ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައީސްގެ ފަރާތްޕުޅުން އެކި ބޭފުޅުން ޤާސިމާއި ބައްދަލުކޮށްފައިވެއެވެ. އަދި ސީދާ ރައީސް އޮފީހުގައިވެސް ރައީސް ޞާލިހު ވަނީ ޤާސިމާއި ބައްދަލު ކުރައްވާފައެވެ.
މީގެ އިތުރުން ޤާސިމްގެ ތާއީދު ހޯއްދެވުމަށާއި، ޤާސިމްގެ ރުހުން ހޯއްދެވުމަށް އެކި ޕާޓީތަކުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޤާސިމް ނިންމާފައިވަނީ ކައުންސިލުގެ ތާއީދާއިއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށެވެ.
2018ގެ ރިޔާސީ އިންތިޚާބު ފިޔަވާ، 2008ގެ ފަހުން މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ޤާސިމް ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް މިހާތަނަށް ގާއިމަށް އެއްވެސް ރިޔާސީ އިންތިޚާބެއްގައި ކާމިޔާބާއިހަމަށް ދަތުރު ކުރެއްވިފައެއް ނުވެއެވެ. އެހެން ނަމަވެސް ސިޔާސީ މަސްރަހު އޮތް ގޮތުން މިއީ ޤާސިމަށް އިންތިޚާބު ކާމިޔާބު ކުރަން އެންމެ ފަސޭހަ ފަހަރަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.
One Response
ނަހުލާވެސް ދެންތިބި ޖޭޕީގެ މިނިސްޓަރުންވެސް މިހާރުން މިހާރަށް ސަރުކާރުން ބޭރުކުރާށެވެ. އެއް ޓީމެއްގައި ދެކޮޅަށް ކުޅޭ މީހުން ތިބީމާ ޓީމަށް ލިބޭނީ ފޫނުބެއްދޭވަރުގެ ގެއްލުމެވެ.