ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓަކު ނެރެ އެޕާޓީން އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިޔަށްދިޔަ އެޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ.
މިއަދުގެ ޖޭޕީގެ ކައިންސިލުންގެ މިނިންމުމާއެކު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމްއެވެ. ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރުމަށެވެ. ވޯޓަށްފަހު ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތެއް ނިންމިފައިވާކަމަށާއި، ދެން އޮތް ކުރިއަށްދާން ކުރަންވީ މަސައްކަތް ކުރުންކަމަށެވެ.
ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނިކުންނަން ނިމުމަކީ މިހާރު އޮތް ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް މިއަހަރު ނޮވެމްބަރު 11 އާއި ހަމައަށް ތިއްބަވާނެކަމަށެވެ.
އަޅުގަނޑުމެންނަކީ ސަރުކާރު ކޯލިޝަންގައި އޮތްބައެއް. ފަސް އަހަރު ނިމެންދެން މިއަހަރު ނޮވެމްބަރު 11 ވަނަ ދުވަހާއި ހަމައަށް އަޅުގަނޑުމެން ކުރިއަށްދާނެ. ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް ދެން ކުރިއަށްދާނެ އެދުވަހާއި ހަމައަށް. އަޅުގަނޑު ދަންނަވާލަން ބޭނުމީ އެއީ އެއްބަސްވުމުގައި އޮތްގޮތޭ.
ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރުމަކީ ކޯލިޝަން ރޫޅޭނެ ކަމެއް ނޫންކަމަށެވެ. 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ހެދި ކޯލިޝަންގައި ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމުމާއި ކޯލިޝަން އެއްބަސްވުމާއި ފުށޫ ނާރާކަމަށް ޤާސިމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އެއްބަސްވުން އޮތް ގޮތުން 2023 އަށް ކެނޑިޑޭޓަކު ނެރުމަކީ އަޅުގަނޑުމެން އޭގައިން ބަރީއަވާ ކަމެއްނޫން. އެއީ ވަރަށް ސާފު ސަރީހަ އިބާރާތުން އޮތްގޮތް.
– ޤާސިމް ވިދާޅުވިއެވެ.
ޖޭޕީގެ ކައުންސިލްގެ ފުރަިހަމަ ތާއީދާއިއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމެވިއިރު، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ވަޒީރުންވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި ރައީސް އޮފީސް މިނިސްޓަރ ސަމީރާއި، ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާއިރު، ރިޔާސީ އިންތިޚާބުގައި ޤާސިމްގެ ތާއީދު ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައީސްގެ ފަރާތްޕުޅުން އެކި ބޭފުޅުން ޤާސިމާއި ބައްދަލުކޮށްފައިވެއެވެ. އަދި ސީދާ ރައީސް އޮފީހުގައިވެސް ރައީސް ޞާލިހު ވަނީ ޤާސިމާއި ބައްދަލު ކުރައްވާފައެވެ.
މީގެ އިތުރުން ޤާސިމްގެ ތާއީދު ހޯއްދެވުމަށާއި، ޤާސިމްގެ ރުހުން ހޯއްދެވުމަށް އެކި ޕާޓީތަކުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޤާސިމް ނިންމާފައިވަނީ ކައުންސިލުގެ ތާއީދާއިއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށެވެ.
2018ގެ ރިޔާސީ އިންތިޚާބު ފިޔަވާ، 2008ގެ ފަހުން މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ޤާސިމް ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް މިހާތަނަށް ގާއިމަށް އެއްވެސް ރިޔާސީ އިންތިޚާބެއްގައި ކާމިޔާބާއިހަމަށް ދަތުރު ކުރެއްވިފައެއް ނުވެއެވެ. އެހެން ނަމަވެސް ސިޔާސީ މަސްރަހު އޮތް ގޮތުން މިއީ ޤާސިމަށް އިންތިޚާބު ކާމިޔާބު ކުރަން އެންމެ ފަސޭހަ ފަހަރަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.