އެއްބަސްވުމަށް ރިޢާޔަތްކޮށް، ބްރިޖް މަޝްރޫޢުގެ ޝެޑިއުލް ހާމަކުރެވެން ނެތް: ޕްލޭނިން މިނިސްޓްރީ

އެއްބަސްވުމަށް ރިޢާޔަތްކޮށް، ބްރިޖް މަޝްރޫޢުގެ ޝެޑިއުލް ހާމަކުރެވެން ނެތް: ޕްލޭނިން މިނިސްޓްރީ

މައުލޫމާތު ހޯދާ ލިބިގަތުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތުން ވިލިމާލޭ ބްރިޖް މަޝްރޫޢުގެ ޝެޑިއުލް ހޯދުމަށް އެދުމުން އެމައުލޫމާތު ފޯރުކޮށް ދެވެން ނެތްކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅު ގުޅާލަދޭ ކަނެކްޓިވީ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން ޕްރިޖް މަޝްރޫޢުގެ ޝެޑިއުލް ހޯދުމަށް އެދިފައިވަނީ އަހުމަދު އަފްރާހު އިސްމާއިލް ކިޔާ މީހެކެވެ. އެމީހާގެ ސިޓީއަށް ޖަވާބު ދެއްވައި މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަކާއި ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށް މިއެއްބަސްވުމުގައި ހިމެނޭ ބައިތަކުގެ ކޮންފޮޑެންޝަލިޓީ ހިފަހައްޓަންޖެހޭތީ މި މަޝްރޫޢުގެ ޝެޑިއުލްއަކީވެސް އެއްބަސްވުމުގެ ބައެއް ކަމަށްވާތީ މިމަޝްރޫޢުގެ ޝެޑިއުލް ދެވެން ނެތްކަމަށެވެ.

އަދި މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެ މައިލްސްޓޯންއަކަށް ކަމުގައި ވަނީ ބުނެފައެވެ. ފުރަތަމަ މައިލްސްޓޯން އަކީ މާލެއިން ފެށިގެން ގުޅީފަޅަށް ބްރިޖުގެ މަސައްކަތް ޑިސެމްބަރު 2023 ގެ ނިޔަލަށް ނިންމުން ކަމަށެވެ. އަދި ދެވަނަ މައިލްސްޓޯން އަކީ މެއި 2024 އަށް ގުޅީފަޅުން ފެށިގެން ތިލަފުއްޓާއި ހަމައަށް ބްރިޖުގެ މަސައްކަތް ނިންމުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *