ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 6،000 އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
ވޯޓުލާ މަރުކަޒުތަކަށް އޮފިޝަލުން ހޯދުމަށް ކުރި އިއުލާނުގައި މަގާމުގެ މައިގަނޑު ޝަރުތުތަކުގެ ގޮތުގައި ހިމަނާފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުމެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ކަމެއްގައި އުޅޭ މީހަކަށް ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ނުވެވޭނެއެވެ.
އޭގެ އިތުރުން އޮފިޝަލަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން ހިމެނެއެވެ. އިތުރު ޝަރުތުތަކުގެ ތެރޭގައި އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލު މީހަކަށްވުމުގެ އިތުރުން ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ.
އޮފިޝަލުންނަށް ދޭ މުސާރަ:
– ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1500ރ.
– ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ.
– ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ.
– ރިސާވް އޮފިޝަލަކަށް 500ރ.
އެ ފައިސާ ލިބޭނީ ހަމައެކަނި ވޯޓުލާ ދުވަހުއެވެ. މުސާރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސާނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100ރ. ލިބޭނެއެވެ.
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މީހުން ޖޫން 22 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.
މީގެ އިތުުރުން އީސީން ވަނީ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 80 ޓްރޭނަރުން ހޯދުމަށް ވެސް އިއުލާނު ކޮށްފައެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުއެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ