ރައީސް ޞާލިޙުގެ ވަޢުދާއި އެއްގޮތަށް، މާލޭ ސަރަޙައްދުން ދޫކުރާ ފްލެޓާއި ގޯތި ދޭން ކުރާ މަސައްކަތަށް ލަސްކަމެއް ނާންނަ ކަމަށާއި ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މެއިމަހު ޢާއްމުކުރައްވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފަސް އަހަރު ފުރެން ގާތްވެފައިވާ އިރު ވެސް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނުވާތީ އެ މަސައްކަތް ހަލުވިކާ އެކު ނިންމައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް މިއަދު ވަނީ ޤަރާރެއް ހުށަހަޅާފައެވެ. މެމްބަރު އާޒިމް ހުށަހެޅި މިޤަރާރުގައި ރައީސް ސޯލިހް ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވަވަމުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވިދާޅުވަމުން ގެންދަވާއިރު، އަދިވެސް މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ބިމެއް ނުވަތަ ގޯއްޗެއް ލިބިފައިނުވާ ކަމަށެވެ.
އާޒިމް ވިދާޅުވީ 2018 ވަނަ އަހަރުގެ ކެމްޕޭންގައި "ބޯހިޔާވަހިކަން ހައްގުވާ" އެންމެހާ ފަރާތްތަކަށް އެމްޑިޕީ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
އާޒިމްގެ ވާހަތަކާއި ގުޅިގެން ސަރުކާރުން މިމަސައްކަތް ކުރަމުންދާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ބުނެފައިވަނީ އެ މަސައްކަތް ލަހެއް ނޫން ކަމަށެވެ. ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ އިވެލުއޭޝަން ވަނީ ފަށާފައި ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އަންނަ މެއިމަހު ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށް، މެއި ޖޫންގައި އެތަންތަން ޙަވާލުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ.
ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްއެބަދޭ. ކުރީގައިވެސް ރައީސް ހާމަކުރައްވާފައިވާ ފަދައިން މެއިމަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފައިނަލް ލިސްޓު އިޢުލާންކުރެވޭނެ. މެއި، ޖޫން، ޖުލައިގައި އެތަންތަން ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ.
– އަކްރަމް ވިދާޅުވިއެވެ.
އާޒިމް ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ "ގެދޮރުވެރިންގެ ކޮމެޓީ"އިން ކުރަމުން ގެންދާ މަސައްކަތަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އިތުބާރުހިފޭ ގޮތަކަށް ކުރެވޭ މަސައްކަތަކަށްވުމަކީ އިންތިހާއަށް ބޭނުންތެރި ކަމަކަށްވީ ހިނދު ދިގުނުދަންމައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަވަސްކޮށްދިނުމަށް ގޮވާލައްވައިފައެވެ.