ލ. އިސްދޫ/ކަލައިދޫ ސްކޫލުގެ ދަރިވަރުންތަކަކަށް އުސޫލާ ޚިލާފަށް އަދަބުދިން މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ސްކޫލުގެ ރަސްމީ ގަޑީގައި ހުއްދަނެތި ބޭރަށް ދިއުމުން އަދަބު ދިނީ ގްރޭޑް 10 ގެ ތިން ދަރިވަރަކަށެވެ. އަދަބެއްގެ ގޮތުން "ދެން ސްކޫލު ގަޑީގައި ބޭރަށް ނުދާނެ" ކަމަށް ގަނޑެއްގައި ލިޔުއްވުމަށްފަހު، އެ ގަނޑު ހިފަހައްޓައިގެން ސްކޫލް ހުރިހާ ކުދިންނަށް ފެންނަ ގޮތަަށް، އެސްމްބްލީ ސްޓޭޖް މަތީ ގާތްގަނޑަކަށް ދެ ގަޑިއިރު އެކުދިން ކޮޅަށް ބޭތިއްބިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ކަން ހިނގާފައި ވަނީ މިނިސްޓްރީގެ އުސޫލާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ހިނގި ވަގުތު ސްކޫލުގެ ޕްރިންސިޕަލް ވެސް ހުރި ކަމަށާއި ނަމަވެސް އަޅާ ނުލި ކަމަށް ބެލެނިވެރިން ބުނެފައިވެއެވެ.
ކުދިންނަށް އަދަބު ދިން މައްސަލާގައި ސްކޫލުން މިހާތަނަށް ވާހަކައެއް ނުދައްކައެވެ. އެފަދަ ކަންކަމަކީ ދަރިވަރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބުލީގެ ޝިކާރައަކަށްވެ، ކިޔެވުމުގެ މައިދާނުން ކުއްޖާ ފޫހިވެގެންދާ ސަބަބަކަށް ވެދާނެ ކަމަށްބުނެ އެރަށުގެ ބައެއް ބެލެނެވެރިން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ