އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު މިހާރު އޮތްގޮތުން ޑިޖިޓަލް އައިޑީކާޑު ބޭނުމެއް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.
"ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ރާއްޖޭގައި ތައާރަފްކުރުމަށް މަސައްކަތްކުރަމުންދާއިރު ކާޑު ހިދުމަތް ފެށުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އާއްމު ގާނޫނުގައި ބުނެފައިވާ ގޮތުން ވޯޓުލާން ބޭނުން ކުރެވޭނީ މުއްދަތު ހަމަނުވާ ހަތަރު ލިޔެކިޔުމެއް ކަމަށެވެ.
އެއީ އައިޑީކާޑާއި، ޕާސްޕޯޓާއި، ޕާސްޕޯޓު ކާޑުގެ އިތުރުން ޑްރައިވިން ލައިސެންސެވެ. އެހެންވެ، ވޯޓުލާން ބޭނުން ކުރެވޭނެ ބާވަތްތަކެއް ގާނޫނުގައި ސީދާ ބުނެފައިވާތީ، ސަރުކާރުން ތައާރަފްކުރަން މަސައްކަތްކުރާ ޑިޖިޓަލް އައިޑީކާޑަކުން ވޯޓެއް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑެންޓިޓީ ކާޑަކީ ޑިޖިޓަލް ފީޗާތައް ހިމެނޭ ކާޑެއް ނޫނެނެވެ. ނަމަވެސް އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ ކާޑެކެވެ. ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރަނީ، އަލަށް ތަޢާރަފްކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ އެމިހާގެ ޒާތީ މަޢުލޫމާތާއި ގުޅޭ ހުރިހާ ކާޑްތައް، ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށެވެ.
ހަބީބު ވިދާޅުވި ގޮތުގައި އިންތިހާބުގައި ޑިޖިޓަލް އައިޑީ ބޭނުންކުރުމާ ގުޅޭގޮތުން މިނިސްޓްރީން ސިޓީއެއް ފޮނުވިއެވެ. އެކަމަކު، ގާނޫނަށް ބަދަލު ނުގެނެސް އެ ފުރުސަތު ނުދެވޭނެ ކަމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒުތަކަށް ފޯނު ވެއްދުން މަނާކޮށްފައިވަނީ އެ ތަންތަނުގައި ކަންކަން ރަނގަޅުކުރުމަށެވެ. ނަމަވެސް، ގާނޫނަށް ބަދަލު ގެނެސްފިނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިޚާބަށް އިލެކްޝަނުން ދުރާލައި ތައްޔާރު ވަމުންދާއިރު ކޮމިޝަނުން ދަނީ ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް އެމީހުންނަށް ވޯޓުލެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ