އޯއައިސީ ސަމިޓްގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
ނީޖަރ ގެ ވެރިރަށް ނިއާމޭގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން، ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފިއެވެ.
ނިއާމޭއަށް ވަޑައިގަތުމުގެ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ސަޢޫދީ ޢަރަބިއްޔާގައި މަޑުކުރައްވާފައެވެ. އަދި ވެރިރަށް ރިޔާޟްގައި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވިއެވެ. މިނިސްޓަރ ޝާހިދު ނީޖަރގެ ނިއާމޭއަށް ވަޑައިގަތީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންގެ އަރިހުގައެވެ.
ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން މިނިސްޓަރ ޝާހިދު ވަނީ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓަރކިޝް އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާ ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާތީ، އެކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ސަމިޓްގެ ހަވާސާގައި ސެނެގާލްގެ އާ ޚާރިޖީ ވަޒީރު އައިސަތާ ޓޯލް ސޯލްއަށް އާ ބައްދަލުކުރައްވައި، އެކަމަނާ އަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.
އަދި މޮރިޓޭނިއާގެ ޚާރިޖީ ވަޒީރު އިސްމާއިލް އައުލްދް ޝެއިޚް އަޙްމަދު އާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. ސަމިޓްގެ ތެރެއިން ބޭއްވެވި މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި މޮރިޓޭނިއާ ދުރުގައި އޮތްނަމަވެސް ދެޤައުމަކީ ގިނަ ދާއިރާތަކަކުން އެކުގައި މަސައްކަތްކުރާ ގާތް ދެޤައުމު ކަމަށެވެ.
ގެމްބިއާގެ ޚާރިޖީ ވަޒީރު މަމަދޯ ޓަންގަރާ އާވެސް މިނިސްޓަރ މިއަދުގެ ސަމިޓްގައި ބައްދަލުކުރެއްވިއެވެ. މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގަމުންދާ ޖަރީމާތަކަށް އިންސާފު ހޯދުމަށް ދިވެހިރާއްޖެއާއި ގެމްބިއާ ގުޅިގެން ބައިނަލްއަޤްވާމީ ކޯޓުގައި ކުރިއަށްދާ މައްސަލާގައި ދެޤައުމުގެ ވަކީލުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.