ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

Author
ހުސެއިން
09 މާރޗް 2023 06:56
0

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް، ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.

ދިވެހި މަހުން ނަގާ ޑިއުޓީ މާފް ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ރައީސް ސާލިހު އެދިވަޑައިގަތީ، މި ދެބޭފުޅުން އެމަނިކްފާނުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށާއި، ޖަރުމަނުވިލާތާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލްއާ، އޮނަރަރީ ކޮންސުލްއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭގެ އިތުރުން މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާ ޖަރުމަނާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާ، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭ ގޮތުންވެސް ތިންބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ، އޮނަރަރީ ކޮންސުލް ޖެެނެރަލް އަދި އޮނަރަރީ ކޮންސުލް ބޭއްވެވި މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާ ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 05 ޖުލައި 1966 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.