ކޮރަޕްޝަންގެ ތުހުމަތުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ހައްޔަރު ކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ހައްޔަރު ކޮށްފި

ގުޅުންހުރި

ކޯވިޑް19ގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި، މުހުޔިއްދީން ޔާސީން ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ.

މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (MACC)އިން ބުރާސްފަތިދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުހުޔިއްދީން ހައްޔަރު ކޮށްފައިވަނީ އޭނާގެ ވެރިކަމުގައި ލޯންޗް ކޮށްފައިވާ އިކޮނޮމިކް ރިކަވަރީ ޕްރޮޖެކްޓަކާއި ގުޅޭގޮތުން އެކޮމިޝަނުން އޭނާއާއި ސުވާލު ކުރުމަށް ފަހުގައި ކަމަށެވެ.

މުހުޔިއްދީންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް، ބުރާސްފަތި ދުވަހުގެ ހެނދެނު MACCއަށް މުހުޔިއްދީން ހާޒިރުވެފައިވަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. އޭނާ MACCއަށް ހާޒިރުވީ، ކޯވިޑް ކާރިސާގެ ތެރޭގައި ބައެއް ބިލްޑިން ކޮންޓްރެކްޓަރުންނަށް ޕްރޮޖެކްޓްތައް އެވާރޑްކޮށްގެން އޭގެ ބަދަލުގައި އޭނާގެ ޕާޓީ ކަމުގައިވާ ބެރުސާތު ޕާޓީގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށެވެ.

މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (MACC)ގެ ވެރިޔާ އަޒަމް ބަކީ މެލޭޝިއާގެ ގައުމީ ނޫސް އޭޖެންސީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މި ހަފްތާގެ ހުކުރު ދުވަހު މުހުޔިއްދީން ކޯޓަށް ހާޒިރު ކުރެވޭނެ ކަމުގައެވެ.

MACCއަށް ހާޒިރު ވުމުގެކުރިން އޭނާގެ ސަޕޯޓަރުންނާއެކު ދުއާކުރައްވަން ހުންނަވަނިކޮށް ފެނިފައިވާ މުހުޔިއްދީން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށްވެސް އިންކާރު ކޮށްފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ތުހުމަތުތަކެއް ކަމުގައެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި މުހުޔިއްދީންގެ ޕާޓީ ކަމުގައިވާ ބެރުސާތު ޕާޓީގެ ގިނަ އޮފިޝަލުންނާއި MACC އިން ސުވާލުކޮށް މިހާތަނަށް ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

މުހުޔިއްދީން ވެފައިވަނީ، މަގާމުން ވަކިވުމަށްފަހު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކުރެވުނު، މެލޭޝިއާގެ ދެވަ ބޮޑުވަޒީރު ކަމުގައެވެ. 2018ވަނަ އަހަރުގެ އިންތިޚާބުން ބަލިވުމަށްފަހު މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރަޒަކްގެ މައްޗަށްވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިަފައެވެ. އަދި އޭނާ މިހާރު ގެންދަވަނީ ކޮރަޕްޝަންގެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މުހުޔިއްދީން މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ، 2018ގެ އިންތިޚާބަށްފަހު އުފެދުނު އެއްބައިވަންތަކަމުގެ ސަރުކާރު 2020 ވަނަ އަހަރު ރޫޅިގެން ދިއުމަށްފަހު އެއަހަރުގެ މަރޗްމަހުއެވެ. އެހެންނަމަވެސް މެލޭޝިއާގެ ރައްޔިތުންގެ މަޖިލިހުގައި ހިގައިދިޔަ ސިޔާސީ ހަލަބޮލިކަމާއެކު 2021ވަނަ އަހަރު މުހުޔިއްދީންއަށް ބޮޑުވަޒީރުކަން ގެއްލުނެވެ.

އެއަށްފަހު، ފާއިތުވި ނޮވެމްބަރުމަހު މެލޭޝިއާގަ އޮތް އާންމު އިންތިޚާބުގައި މުހުޔިއްދީންގެ ޕާޓީއަށް ނާކާމިޔާބުވެ، މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އަންވަރު އިބުރާހިމްއެވެ.

އަންވަރުވަނީ ކޮރަޕްޝަނާއި ދެކޮޅަށް ހަނގުރާމަ ކުރައްވާނެކަން އިއުލާން ކޮށް، ކޯވިޑް ތެރޭގައި މީހުންނަށް އެހީވުމަށް ހިންގުނު ޕްރޮގްރާމްތަކުގެ ރިވިވްއެއް ހެދުމަށް އަމުރު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ