މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހު ނިޔާވި، ރައްޔިތުންގެ މަޖިލިހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ކޮންމެ ރަމްޟާން މަހަކުވެސް ޤުރުއާން މުބާރާތެއް ބާއްވަން ކ. ގުރައިދޫ ކައުންސިލުން ނިންމައިފިއެވެ.
"އުސްތާޒު ރިޒާގެ ހަނދާނީ ޤުރުއާން މުބާރާތް 1444″ގެ ނަމުގައި މިއަހަރު ރޯދަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއާން މުބާރާތުގެ ތަފްސީލްތައް ހާމަކޮށް، ގުރައިދޫ ކައުންސިލުން މިހާރުވަނީ ގެޒެތް ކޮށްފައެވެ. މި މުބާރާތުގައި ބާއިވުމުގެ ފުރުސަތުވަނީ މިމަހުގެ 13 ވަނަ ދުވަހުގެ 12:00 އާއިހަމައަށް ހުޅުވާލެވިފައެވެ.
މިމުބާރާތަކީ 10 އުމުރުފުރާއަކަށް ހުޅުވާލައިގެން، ބަލައިގެންނާއި ނުބަލައި ކިޔެވުންވެސް ހިމަނައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރި ވެވޭގޮތަށް ހަމަޖައްސާފައިވަނީ ގުރައިދޫގެ ރަށްވެހިންނަށާއި އެރަށަށް ރަޖިސްޓްރީވެފައި ނެތަސް މަންމަ ނުވަތަ ބައްޕަ އެރަށަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
އަދި މީގެ އިތުރުން ރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށު ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
އިދިކޮޅު ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ މެއި 28، 2009 އިން ފެށިގެން އަވަހާރަވުމާ ހަމައަށް ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. އޭނާއަކީ ރާއްޖޭގެ ދެވަނަ ސިޔާސީ ޕާޓީ ޑީއާރުޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް އިންނެވިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ރިޒާ ކުރެއްވިއެވެ.
ގާނޫނީ ވަކީލެއް ކަމަށްވާ ރިޒާ އަކީ އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ. ރިޒާ އަވަހާރަވިއިރު، އަނބިކަނބަލުންނާއި ހަތަރު އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވިއެވެ.
ކޮމެންޓު ފޮނުވާ