ދިރާގުގެ 34 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ. ދިރާގުން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭގަނޑު 8:15 ގައިކަމަށެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑް މޯލްޑިވްސްގައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ހައިބްރިޑް" ކޮށްކަމަށްވާތީ، ޖަލްސާގައި ޙިއްޞާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެއެވެ.
އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން މިމަހުގެ 3 ވާ ހުކުރު ދުވަހުގެ 14:15 އިން 19 ވާ އާދީއްދަ ދުވަހުގެ 13:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ޕްރޮކްސީންގެ ރެޖިސްޓްރޭޝަން މިމަހުގެ 3 އިން 18 ގެ ނިޔަލަށް އޮންނާނެއެވެ.
ދިރާގުން ވަނީ ޖަލްސާ މާލަމަށް ވަޑައިގެން ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ ޢަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައެވެ. އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ބަހަން ކަނޑައަޅާ ހިއްސާގެ އަދަދު ފާސްކުރުމާއި، އޮޑިޓަރަކު ކަނޑައެޅުން ފަދަ މުހިންމު ނިންމުންތައް ކަނޑައެޅުން އޮންނާނެއެވެ.