ރާ ވިއްކަން ހުއްދަކުރަން އުޅޭ މެމްބަރުންނަށް ވިސްނައިދޭން ރައްޔިތުން ނިކުންނަންޖެހޭ: އިލްޔާސް

ރާ ވިއްކަން ހުއްދަކުރަން އުޅޭ މެމްބަރުންނަށް ވިސްނައިދޭން ރައްޔިތުން ނިކުންނަންޖެހޭ: އިލްޔާސް

ގުޅުންހުރި

މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކޭނެ ގޮތް ހަދުމަށް ވަކާލާތު ކުރައްވާ މަޖިލީހުގެ މެމްބަރުންނަށް ވިސްނައިދޭން ދިވެހި ރައްޔިތުން ނިކުންނަންޖެހޭ ކަމުގައި ދިނީ އިލްމުވެރިޔާ ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ޝައިޚް އިލްޔާސް ހުސެއިން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަންކަން އަލުން ގެނައުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ ނިންމުންތަކުގައި ކޮޅުފައިން ޖެހުންކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ އާންމު ކުރުމަކީ އެއްވެސް ހާލަތެއްގައި ފުރުސަތުދީގެން ވާނެ ކަމެއް ނޫންކަމަށާއި، އެކަން ކުރުމަށް ޖާގަ ދީގެންވެސް ނުވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ކުރުމަށް ހިތްވަރުދީ، އެކަން ކަން ކުރުމަށް ގޮވާލާ މެމްބަރުންނަށް ވިސްނައިދޭން ރައްޔިތުން ނިކުންނަނަށް ޖެހޭކަމަށް ޝައިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ އާންމު ކުރުމަށް ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާކަމެއްކަމަށް ދީނީ އިލްމުވެރިންވެސް ދަނީ ވިދާޅުވަމުންނެވެ.

ޓުއަރިޒަމް ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު ޝިޔާން ވިދާޅުވީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެންދާއިރު، ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ލިބޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެތެރޭގައި ނުވަތަ ބޭރުގައި ވިޔަސް ބަނގުރާ ލިބޭނެ ގޮތް ހެދުމަކީ ވަރަށް ގިނަ މީހުންގެ އެދުމެއް ކަމަށް މެންބަރު ޝިޔާން ވިދާޅުވިއެވެ.

ރަށުގައި، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް، ކަނޑު ތެރޭގައި ވިޔަސް އެޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އޮންނަން ޖެހޭ ކަމަށް ޝިޔާނު ވިދާޅުވިއެވެ.

އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ އެއްޗެއް ހުއްދަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވާއިރު، މިއީ މެމްބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާއިވެސް ޚިލާފް ކަމެއްކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވަނީ ވިދާޅުވެފައެވެ. އިޔާޒް ވިދާޅުވީ ރާއްޖޭގައި ފެތުރިފައިވާ މުންކަރާތްތައް ހުއްޓުވުމުގެ ބަދަލުގައި އެކަންކަން އާންމުކޮށް ހިތްވަރު ދުނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ މެމްބަރުން ދެވަނަ ދައުރަކަށް ނުހޮވުމަށް ރައްޔިތުން ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭކަމަށް އިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގައި ރާ ހުއްދަ ކުރުމަށް ދެކެވުނު ވާހަކަތާއި ގުޅިގެން ޝައިޚު އަނީލް ވިދާޅުވީ ދީނާއި ދެކޮޅު ކަންކަމަށް ހިއްވަރުދީ، ދީނަށް ހަޖޫޖަހައި، ދީނާއި ދެކޮޅު ހަރަކާތް ހިންގުމަށް މިފަސްގަނޑުން އެއްވެސް ބަޔަކަށް ޖާގަ ނުލިބޭނެ ކަމަށެވެ. އަދި އެފުރުސަތު މިފަސްގަނޑުން ނުލިބޭނެކަމަށް އަނީލް ވަނީ ވަނީ ވިދާޅުވެފައެވެ. އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ބޮޑެތި ކުށްތަކަށް އަރައި ގަތުމަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހުއްދައެއް ނޫންކަމަށް އަނީލް ވިދާޅުވިއެވެ. ޝިޔާންގެ ވާހަތަކާއި ގުޅިގން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރާއިރު މިކަމުގައި މިހާތަނަށް ސަރުކާރުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެއެވެ. އަދި މިވާހަކަ ދެއްކި މެމްބަރު ނިސްބަތްވާ އެމްޑީޕީންވެސް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ