މީގެ 16 އަހަރުކުރިން ހުޅުމާލޭގައި ފްލެޓު ހަދަން ބޭރުގެ ކުންފުންޏަކަށް ދިން ފައިސާ ހޯދަން އޭސީސީން އަންގައިފި

މީގެ 16 އަހަރުކުރިން ހުޅުމާލޭގައި ފްލެޓު ހަދަން ބޭރުގެ ކުންފުންޏަކަށް ދިން ފައިސާ ހޯދަން އޭސީސީން އަންގައިފި

Author
ޢަލީ އާދަމް
07 މާރޗް 2023 04:17
0

މީގެ 16 އަހަރުކުރިން 2007ވަނަ އަހަރު ހުޅުމާލޭގައި ފްލެޓު ހަދަން ބޭރުގެ ކުންފުންޏަކަށް ދިން ފަސް ލައްކަ ފަންސާސް ހާސް އމެރިކާ ޑޮލަރު އަނބުރައި ހޯދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެމްޑީސީސީއާއި އެކުންފުނީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމް.އާރު.އީ.އައި.ސީ)އަށް އަންގައިފިއެވެ.

އޭސީސީން ވިދާޅުވީ މިއީ ހުޅުމާލޭގައި 690 ހައުންސިންގ ޔުނިޓް ހެދުމުގެ މަސައްކަތާ ގުޅިގެން އެމް.ޓީ.ސީ.ސީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމް.އާރު.އީ.އައި.ސީ)އިން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007ވަނަ އަހަރު ދީފައިވާ 550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު ކަމަށެވެ. މި ފައިސާ ދިވެހި ދަޢުލަތަށް އަނބުރާ ހޯދުމަށް އެމް.ޓީ.ސީ.ސީއަށާއި އެމް.އާރު.އީ.އައި.ސީއަށް އަންގާފައިވާނެކަމަށެވެ.

އޭސީސީން މިގޮތަށް އަންގާފައިވަނީ އެމް.ޓީ.ސީ.ސީގެ %99.99 ހިއްސާވާ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމް.އާރު.އީ.އައި.ސީ) އިން "އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައި.އެފް.ސީ.އޭ) ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭގޮތަށް 550,000.00 އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށްފަހުކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

އައި.އެފް.ސީ.އޭއަށް ދީފައިވާ 550,000.00 އެމެރިކާ ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައި.އެފް.ސީ.އޭއިން ހޯދުމަށްފަހު އެމް.އާރު.އީ.އައި.ސީއަށް އަނބުރާ ޙަވާލުކުރަންޖެހޭ ފައިސާކަމާއި، އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމް.ޓީ.ސީ.ސީން އެމް.އާރު.އީ.އައި.ސީއަށް ދީފައިވާ ފައިސާކަން އެނގޭކަމަށްވެސް އޭސީސީން ވިދާޅުވެއެވެ. އަދި އައި.އެފް.ސީ.އޭއިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ އެމް.އާރު.އީ.އައި.ސީއަށް ދީފައިނުވާތީ، މި މައްސަލާގައި ހިމެނޭ 550,000.00 އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާތީ، އެފައިސާ ދަޢުލަތަށް އަނބުރާ ހޯދުމަށް އެމް.ޓީ.ސީ.ސީއަށާއި އެމް.އާރު.އީ.އައި.ސީއަށް ވާނީ އަންގާފައިކަމަށްވެސް އޭސީސީން މިއަދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.