ތަހުގީގީ ނަޒަރަކުން ބެލުމުން އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ފެންނަ މަންޒަރު ތަފާތު: އިމްރާން

ތަހުގީގީ ނަޒަރަކުން ބެލުމުން އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ފެންނަ މަންޒަރު ތަފާތު: އިމްރާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު (މާޓީ)ގެ މަރުގެ މައްސަލައިގައި ތަހުގީގީ ނަޒަރަކުން ބެލުމުން ފެންނަ މަންޒަރު ތަފާތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ މިނިސްޓަރު އިމްރާނާ ސުވާލު ކޮށްފައެވެ. އަދި އެކަން ހިނގާދިޔައީ ފުލުހުންގެ އިހުމާލުން ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރަޝީދުގެ މަރުގެ މައްސަލައިގެ ރިޕޯޓް ހޯދާފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ބާއްވަންޖެހޭ މަޝްވަރާތައް ބާއްވާފައިވާކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެ ހާދިސާގައި މީހުންނަށް ފެނުނު މަންޒަރާއި، ތަހުގީގީ ނަޒަރަކުން ފެންނަ ގޮތާ އޭގެ ފަހަތުގައި ހުރި ކަންކަން ވަރަށް ތަފާތު ކަމަށެވެ. އެކަމުގައި ރައްޔިތުންގެ ކުރިމަތީގައި ހިނގާދިޔަ 10 ވަރަކަށް މިނިޓުގެ މައްޗަށް އެކަނި ބެލުމަށްފަހު ގޮތެއް ނިންމުން ރަނގަޅު ނުވާނެ ކަމަށެވެ. އަދި މިމައްސަލައިގެ ފަހަތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ދެފަރާތުން ކަން ހިނގާދިޔަ ގޮތް ބެލިކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ހަމަ އެކަނި އެކަމުގެ މެދުތެރެއިން ފެނިފައިވާ ބައެއްގެ މައްޗަށް ރިއާޔަތްކޮށް ނިންމުމެއް ނިންމުން ރަނގަޅު ނުވާނެކަމަށެވެ.

އަބްދުﷲ ރަޝީދު ނިޔާވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ގދ. ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައިއިންދާ މެޔަށް ތަދެއް އަރައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *