ކޯވިޑް-19: ވެކްސިން ޖެހުމަށް ތައްޔާރުވަނީ!

ކޯވިޑް-19: ވެކްސިން ޖެހުމަށް ތައްޔާރުވަނީ!

Author
މުޙައްމަދު ޝަޒައިމް
27 ނޮވެމްބަރ 2020 12:13
0

ކޯވިޑް-19ގެ ވެކްސިނެއް ލިބެންވާއިރަށް، ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލައި ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗް.އީ.އޯ.ސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރުދަނީ ވެކްސިން ޖެހުމަށް ހޯދަންޖެހޭ މައުލޫމާތު އެއްކޮށް، އިދާރީ ކުރަންޖެހޭ މަަސައްކަތްތައް ކުރަމުންނެވެ. ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް މިވެކްސިން ލިބި ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު އެޗްޕީއޭއިން އަތޮޅުތެރޭގެ ހޮސްޕިލުތަކާއި، މަރުކަޒުތަކަށް ފޮނުވާފައިވައި ސިޓީގައި އެރަށެއްގައި އުޅޭ ވަކި އުމުރު ފުރާތަކެއްގެ މީހުންގެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

އެގޮތުން އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރުވުންދާކަމަށެވެ. ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން 18 އަހަރާ 50 އަހަރާ ދެމެދު ފަރާތްތަކުގެ ތެރެއިން އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ މަޢުލޫމާތު 2 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 13.00 ގެ ކުރިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ސެކްޝަން ގައި ނުވަތަ ގޫގުލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީކޮށް ދެއްވުމަށް ވަނީ އެދިފައެވެ.

– ކެންސަރ (ދިފާއީ ނިޒާމު ބަލިކަށިވާފަދަ ބަލިތައް)
– ހަކުރު ބަލި
–  ކިޑްނީގެ ބަލިތައް
– ފުއްޕާމޭގެ ބަލިތައް
– ހިތުގެ ބަލި ސްޓްރޯކް
– ތެލެސީމިއާ އަދި އެހެނިހެން ލޭގެ ބަލިތައް
– ފުރަމޭގެ ބަލި

ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19ގެ ވެކްސިނެއް ތައްޔާރުވާންވާއިރަށް، ރާއްޖޭގައި ވެކްސިން ޖެހުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. އެގޮތުން އެކަމަށް ޚާއްސަ ނެޝެނަލް ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލާ، ވެކްސިން ރައްކާކޮށް ބަަހައްޓާނެ ވަޞީލަތްތައް ޤާއިމުކުރުމާއި، ޤައުމުތަކުގެ މެދުގައި ވެކްސިން ބެހުމަށް އެކުލަވާލާފައިވާ "ކޮވެކްސް ފެސިލިޓީ"ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިއަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ރާއްޖެއަށްވެސް ވެކްސިނެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށާއި، ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށް އެކި މިންވަރަށްކަމަށެވެ. އަދި ވެކްސިން ލިބެމުންދާ މިންވަރަކުން ގިންތި ކުރެވޭ ތަރުތީބަކުން އެ ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެކަމަށެވެ. މިކަމަށްވާންޖެހޭ ތައްޔާރީތައް ވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި، ޔުނިސެފްގެ އިތުރުން، ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްތައް ފަދަ ޑިވެލޮޕްމަންޓް އޭޖެންސީތަކާއި ބޭންކުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބެމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.