ޤައުމަށް މޮޅެއް ހެވެއް އޮތީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް 2 ވަނަ ދައުރެއް ދީގެންކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމަށް ދިނުމަށް ނިންމި ނިނުމާއި ގުޅޭގޮތުން ރާޝިދު ވިދާޅުވީ ރާއްޖެ މިއިން ޒަމާނަކު ނުދެކޭފަދަ އަނދިރި ދުވަސްތަކަކުން މިޤަމު ސަލާމަތް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށެވެ.
ރާއްޖޭގައި އޭރުއޮތް ވެރިކަން ބަދަލު ކުރެއްވުމުގައި ރައީސް ޞާލިހު ކުރެއްވި މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅަކީ ޤާސިމްކަމަށް ރާޝިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް ރިޔާސީ ދައުރު ރައީސް ޞާލިހަށް ދީގެން ނޫންގޮތަކަށް ޤައުމަށް ހެވެއް ނެތްކަމަށެވެ. ކުރިންވެސް އޮތް އަނދަވަޅަށް ޤައުމު ވައްޓާލަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ބޭނުން ނުވާނެކަމަށް ރާޝިދު ވިދާޅުވިއެވެ.
ދިވެހިން ދުވަހަކު ނުދެކޭފަދަ އަނިޔާވެރި އަނދިރި ދުވަސް ތަކަކުން މިޤައުމު ސަލާމަތް ކޮށްދެއްވީ ރައީސް އިބޫ! މިކަމުގައި ލީޑަރު ޤާސިމްގެ ދައުރު ބޮޑު. ޤައުމަށް މޮޅެއް ހެވެއް އޮތީ އިބޫ އަށް 2 ވަނަ ދައުރެއް ދީގެން. ކުރިން ވެއްޓުނު އަނދަވަޅަށް ދިވެހި ޤައުމު ވެއްޓޭކަށް ލީޑަރު ޤާސިމް ބޭނުންފުޅެއް ނުވާނެ!
– ރާޝިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ މިހާރު ވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިންނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވުމަށެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި އެމްއާރުއެމަށް ވެސް އެ ކަމުގެ ދައުވަތާ އެކު ރައީސް ސިޓީ ފޮނުއްވިއެވެ.
އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި، އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމަށް ޕާޓީގެ ކައުންސިލަށް ލަފާ ދިނުމަށް ފާސްކޮށްފައިވެއެވެ. ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމުމުގެ ބާރު ދީފައި އޮންނަނީ އެ ޕާޓީގެ ކައުންސިލަށެވެ.
ޖޭޕީގެ ކޮންގްރެސްއަށް ފަހު، ރައީސްގެ ދައުވަތަކަށް ގާސިމް ވަނީ ރައީސް އޮފީހަށް ވަޑައިގެން އެމަނިކުފާނާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި އޭގެ ކުރިން ރައީސްގެ މަންދޫބުންގެ ގޮތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާ ބައްދަލުކުރައްވާފައިވެއެވެ.
އޭގެ އިތުރުން ގާސިމްގެ އެޑްވައިޒަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވައިފައެވެ. އަޑު އިވެމުންދާ ގޮތުގައި، ނަޝީދު ގެންދަވަނީ ގާސިމް އިންތިހާބުގައި ވާދަކުރެއްވުމަށް ބާރު އަޅުއްވަމުންނެވެ. ޖޭޕީގެ ކޮންގްރެސްގައި ވެސް ގާސިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަ ދައްކަވައިފައެވެ.
ކޮމެންޓު ފޮނުވާ