ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މި އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ގޮތް ނިންމުމުގެ ބާރު އެޕާޓީގެ ކައުންސިލުން، ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމަށް ދީފިއެވެ.
މިއަދު ބޭއްވި ޖޭޕީގެ ކައުންސިލުން ނިންމާފައިވަނީ، އެޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނުވަތަ އެ ޕާޓީ އިސްވެ އޮވެ ކުރިޔަށް އޮތް ރިޔާސީއިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ، ދާދިފަހުން ބޭއްވުނު އެޕާޓީގެ ގައުމީ ކޮންފަރެންސްއިން ފާސްކޮށްފައިވާ ގަރާރު ތަންފީޒު ކުރުމުގެ ހުރިހާ ބާރެއް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދިނުމަށް ދިނުމަށެވެ.
ފުރަތަމަ ބުރުގައި ކޯލިޝަން ނަހަދާ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްޅޯ، ޖޭޕީގެ ކޮންގްރެސްއަށް ހުށަހެޅި ގަރާރަށް މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކުރުމަށްފަހު، ކޮންފަރެންސްގެ އިއްތިފާގުން ވޯޓު ދީގެންނެވެ.
ޖޭޕީގެ ފާއިތުވި ގައުމީ ކޮންފަރެންސްގައި، އެ ގަރަރާރަށް ބަހުސް ކުރި އެޕާޓީގެ މެމްބަރުންގެ ތެރެއިން، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ތާއީދުކޮށް ވާހަކަ ދައްކާފައިވަނީ، ޖޭޕީގެ ސްލޮޓުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ސަމީރު އެކަންޏެވެ. އެހެން ހުރިހާ މެމްބަރުންވެސް ވާހަކަ ދައްކާފައިވަނީ ގަރާރަށް ތާއީދުކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ސްލޮޓުގައި ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކޮށެވެ.
އެ ގަރާރަށް ވޯޓަށް އެހުމުން، އެވަގުތު ގައުމީ ކޮންފަރެންސްގައި އޭރު ބައިވެރިވަމުންދިޔަ 400 އަށްވުރެ ގިނަ މެމްބަރުންވަނީ ގަރާރަށް ތާއީދުކޮށް ވޯޓު ދީފައި ވެއެވެ. ގައުމީ ކޮންފަރެންސްގައި މި ގަރާރާއި ގުޅޭގޮތުން ގާސިމް ވިދާޅުވެފައިވަނީ އެއީ އެއަށް އަމަލު ކުރުން ލާޒިމް ގަރާރެއް ނޫންކަމަށާއި، އެހެންނަމަވެސް ގަރާރު ކައުންސިލަށް ގެންގޮސް ދެއްވާނެކަމުގައެވެ.
ޖުމުހޫރީ ޕާޓީން ގައުމީ ކޮންގްރެސްއިން މި ގަރާރު ފާސްކޮށް، އަދި ޕާޓީގެ ގައުމީ ކޮންފަރެސްގައި ބައިވެރިވި މެމްބަރުން ގަރާރު ފާސްވުމާއި ގުޅިގެން އެ ކޮންފަރެސް ބޭއްވުނު ހޯލުގައި ލަވަކިޔާ ނަށާ ހަދާފައިވެސް ވެއެވެ.
އެހެންނަމަވެސް އެއަށްފަހު ބޭއްވުނު ޖޭޕީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި، އެ ގަރާރާއި ގުޅޭގޮތުން ކައުންސިލްގައި ބަހުސް ކުރުމެއް ނުވަތަ ވޯޓަށް އެހުމަކާވެސް ނުލާ، މި ގަރާރާއި ގުޅޭ ހުރިހާ ބާރެއް ޕާޓީގެ ލީޑަރު ގާސިމަށް ދޭން ކައުންސިލަށް ހުށަހެޅީ ކައުންސިލްގެ މެމްބަރެއް ކަމުގައިވާ ނާޒިލްއެވެ.
ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރިކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސްއިން ފާސްކުރި ގަރާރު ތަންފީޒު ކުރުމުގެ ހުރިހާ ބާރެއް ގާސިމަށް ދޭން ކައުންސިލް މެމްބަރު ނާޒިލް ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވެއެވެ.
ނާޒިލްގެ މި ހުށަހެޅުން ފާސްކޮށްފައިވަނީވެސް ކައުންސިލްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު ބޭއްވުނު ޖޭޕީގެ ކައުންސިލް ބައްދަލުވުމުން މިހުށަހެޅުން ފާސްވެގެން ދިއުމާއެކު، ޖޭޕީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ގޮތް ނިންމުމުގެ ހުރިހާ ބާރެއް ގާސިމަށް ލިބިގެން ދިޔައީއެވެ.
ޖޭޕީގެ އަސާސީ ގަވައިދުގެ 63 ވަނަ މާއްދާގައި ވާގޮތުން، ޖުމުހޫރީ ޕާޓީގެ އަސާސީ ގަވައިދާއި، ގައުމީ ކޮންފަރެންސްގެ ނިންމުންތަކާއި އަދި އޭގެ އިތުރުން ޕާޓީގެ ކައުންސިލްގެ ނިންމުންތަކާއި އެއްގޮތްވާ ގޮތުގެ އެ ޕާޓީ ހިންގުމުގެ އެންމެ އިސް ދައުރެއް އަދާކުރާނީ ޕާޓީގެ ލީޑަރެވެ.
ކޮމެންޓު ފޮނުވާ