މަތީ ތައުލީމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަހަރު 62.5 މިލިއަން ރުފިޔާ ޚަރަދުވާނެ

މަތީ ތައުލީމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަހަރު 62.5 މިލިއަން ރުފިޔާ ޚަރަދުވާނެ

މަތީ ތައުލީމުގެ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް، ދައުލަތުން އަހަރަކު އިތުރަށް 62.5 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބުރާހިމް އަމީރު ވިދާޅުވީ އެދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލަކީ ދުނިޔޭގެ ފެންވަރުގައިވެސް ވާދަވެރި ބަދަލަކަށް ވެގެން ދާނެކަމަށާއި، މިއީ އެކަށީގެންވާފަދަ ރަގަޅު ބަދަލެއް ކަމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ މުސާރައިގެ އޮނިގަޑަަށް ގެނެސްފައިވާ ބަދަލުތަކާއެކު މިއަހަރު އެކަނިވެސް ދައުލަތުގެ ބަޖެޓުން އިތުރަށް 52.1 މިލިއަން ރުފިޔާ ހޭދަވެގެން ދާނެކަމަށެވެ. އެއީ ކޮންމެ މަހެއްގެ ނިސްބަތުން ބަލާނަމަ، މަހެއްގެ މައްޗަށް އިތުރަށް ހޭދަވެގެންދާ 5.2 މިލިއަން ރުފިޔާކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މިމަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވަނީ ލެކްޗަރަރއިންގެ ތެރެއިން ދާއިމީ މުވައްޒަފުންގެ މުސާރައަށް ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ މިހާރު ލިބިގެންދާ ކުރިއެރުމަށް ބަލާއިރު، މުވައްޒަފުންގެ މުސާރައަށް ގާތްގަޑަކަށް 59 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމުގައެވެ.

މިގޮތުން ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރއިންގެ ތެރެއިން މީގެކުރިން 18،880 ރުފިޔާގެ މުސާރައެއް ލިބެމުންދިޔަ މުވައްޒަފުންގެ މުސާރަ 29،900 ރުފިޔާއަށް އަށް މަތިވެގެން ދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ސީނިއަރ ލެކްޗަރަރއަކަށް މިހާރު ލިބެމުންދާ 20،831 ރުފިޔާ 34،000 ރުފިޔާއަށް ބޮޑުވެގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެސިސްޓެންޓް ޕްރޮފެސަރުންގެ މުސާރަ 23،500 އިން 39،400 ރުފިޔާއަށް މަތިވެގެން ދާއިރު، ޕްރޮފެސަރުންގެ މުސާރަ 23،500 އިން 39،400 އަށް އުފުލިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެސޯސިއޭޓް ޕްރޮފެސަރުންގެ މުސާރަ 26،000 އިން 45،000 އަށް ބަދަލުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ގެނެވުނު ބަދަލާއެކު، ގައުމީ ޔުނިވަރސިޓީގެ 625 މުވައްޒަފުންނާއި، އިސްލާމިކް ޔުނިވަރސިޓީގެ 124 މުވައްޒަފުންގެ އިތުރުން ޕޮލިޓެކްނިކްގެ 18 މުވައްޒަފެއްގެ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. މިގޮތުން މިގެނެވުނު ބަދަލާއެކު މުސާރައިގެ ކުރިއެރުން ލިބިގެންދާ މުވައްޒަފުންގެ އަދަދު 767 އަށް އަރައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *