އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް، މެންްޗެސްޓާ ސިޓީން ލީގުގެ ރޭހުގައި ފަރަގު ކުޑަކުރަން އުންމީދެއްގައި ތިއްބައި، ފަހަތުން އަރައި 3-2 އިން ބޯންމައުތު ބަލިކޮށް ލީގުގެ ކުރީގައި އޮތް އާސެނަލުން ޗެމްޕިއަންކަން ހޯދަން ބޭނުންވާ ހިތްވަރު ދައްކައިފިއެވެ.
މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި، ބޯންމައުތު ކޮޅަށް ރީސް ނެލްސަން ޖެހި ލަނޑާއެކު 3-2 ން މޮޅުވެ އާސެނަލް ފުރިހަމަ ކުރީ ހިތްގައިމު ނިމުމެއް ކަމަށް އެ ޓީމުގެ ކޯޗު މިކަލް އާޓެޓާ ވަނީ ބުނެފައެވެ. ބޯންމައުތުން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް އާސެނަލް ނަތީޖާ ބަދަލު ކުރީ ފަހަތުން އަރައި ޖެހި ތިން ލަނޑުންނެވެ.
އާސެނަލް ދަނޑުގައި ރޭ ބޯންމައުތުން ވަނީ ނުވަ ވަނަ ސިކުންތުގައި ފިލް ބިލިންގެ ގޯލުން ލީޑުނަގައިފައެވެ. އަދި 57 ވަނަ މިނިޓްގައި މާކޯ ސެނޭސީ ބޮލުން ގޯލެއް ޖަހައި، ބޯންމައުތަށް ލީޑުފުޅާކޮށްދިނެވެ. އާސެނަލް ކޮޅަށް ނަތީޖާ އަނބުރާލުމުގައި ބަދަލަކަށް ކުޅެން އެރި ރީސް ނެލްސަން މުހިންމު ރޯލެއް ކުޅުނެވެ.
އެ ގޮތުން، މެޗުގެ 62 ވަނަ މިނިޓްގައި އާސެނަލަށް ފުރަތަމަ ގޯލު ޖަހައިދިނީ އެމީލް ސްމިތު ރޯވް ދިން ބޯޅައަކުން ތޯމަސް ޕާޓޭއެވެ. މެޗުގެ 70 ވަަނަ މިނިޓްގައި ނެލްސަން ދިން ބޯޅައަކުން ބެން ވައިޓް އާސެނަލަށް އެއްވަރުކޮށްދިންއިރު، އިތުރު ވަގުތަށް ދެއްކި ހަތް މިނިޓް ވެސް ފުރިހަމަވި ފަހުން ކޯނަރެއްގައި ލިބުނު ފުރުސަތެއްގައި ނެލްސަން ވަނީ އާސެނަލް މޮޅުކޮށްދީފައެވެ.
ލީގުގެ ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ މިރޭ ރަށުންބޭރުގައި ވުލްވްސް އަތުން 1-0 އިން ބަލިވެފައެވެ. ވުލްވްސްގެ ހަމައެކަނި ގޯލު ޖެހީ އެޑަމާ ޓްރައޯރޭއެވެ. ޓޮޓެންހަމް ހަތަރެއްގައި އޮތީ 26 މެޗުން 45 ޕޮއިންޓާ އެކުއެވެ.
ނިއުކާސަލް އަތުން މޮޅުވެ، ސިޓީން ވަނީ ރޭ އާސެނަލްގެ މެޗުގެ ކުރިން އެ ޓީމާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އާސެނަލުން ޖެހި ގޯލުން މޮޅުވެ، އެ ޓީމުން ވަނީ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފައެވެ.
އާސެނަލަށް ވަނީ 26 މެޗުން 63 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ އޮތީ 26 މެޗުން 58 ޕޮއިންޓެވެ. ލީގުގެ ރޭހުގައި ދެން އޮތް މެންޗެސްޓާ ޔުނައިޓެޑަށް 24 މެޗުން ވަނީ 49 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑުން މާދަމާރޭ ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނެއެވެ.