ރޯދަ ހިފާ ޢުމުރުގެ އެންމެންނަށް ނާޒިމްގެ ވެރިކަމެއްގައި ރޯދަ ޢިނާޔަތް ލިބޭނެ!

ރޯދަ ހިފާ ޢުމުރުގެ އެންމެންނަށް ނާޒިމްގެ ވެރިކަމެއްގައި ރޯދަ ޢިނާޔަތް ލިބޭނެ!

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2023 03:02
0

ރޯދަ ހިފާ ޢުމުރުގެ އެންމެންނަށް ރަމަޟާން މަހުގެ ޢިނާޔަތް ލިބޭ ގޮތަށް ހަމަޖައްސަވާނެކަމަށް އެމް.އެން.ޕީގެ ރައީސް މުޙައްމަދު ނާޒިމް ހާމަކުރައްވައިފިއެވެ.

ނާޒިމް މިކަން ހާމަކުރެއްވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަންތައްތަކުގެ ތެރެއިން ކަމެއްގެ ގޮތުންނެވެ. ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ރަމަޟާންމަހުގެ ޢިނާޔަތަކީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނަށް ދޭންޖެހޭ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުމަކީ ވަރަށް ބޮޑު ތަފާތު ކުރުމެކެވެ. އެހެން ކަމުން އެ ތަފާތު ނައްތާލައި، އެ ޢިނާޔަތަކީ ހަމަހަމަ ކަމާއެކު ދެވޭ އެއްޗަކަށް ހަދައި، ރޯދަ ހިފާ ޢުމުރުގެ ހުރިހާ އެންމެންނަށް އެ ޢިނާޔަތް ލިބޭގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރަތަމަ ކުރާ ކަންތަކުގެ ތެރޭގައި ހިމަނުއްވައިގެން ހަމަޖައްސަވާނެކަމުގައި ވިދާޅުވިއެވެ.

މި ޢިނާޔަތް ރައްޔިތުންގެ މިހާ ގިނަ ޢަދަދެއްގެ ބަޔަކަށް ހަމަޖައްސަވާނެގޮތުގެ ހިސާބުޖައްސަވައި ނާޒިމްވަނީ އާމްދަނީ އާއި ޚަރަދަށް ބަލައި އެކަން ކުރެވޭނެ ގޮތް ތަފްޞީލުކޮށްދެއްވާފައެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީއަކީ 283000 މީހުން ކަމަށް ވާއިރު، މީހަކަށް 3000 ރުފިޔާ ދިނުމަށް ޚަރަދުވާނީ 1 ބިލިއަނަށް ވުރެ ކުޑަ ޢަދަދެއް ކަމުގައެވެ. އަދި ދައުލަތުގެ އާމްދަނީ އަށް މަހަކު 1 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ލިބޭއިރު، ރޯދަ ހިފާ ޢުމުރުގެ އެންމެންނަށް އަހަރަކު އެއްފަހަރު ދޭ މި ޢިނާޔަތް ދިނުމަށް ދައުލަތުގެ އެއް މަހުގެ އާމްދަނީން އެކަން ކުރެވޭނެ ކަމުގައެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަވެސް ކުރައްވާނެ ބައެއް ކަންކަން:

– ޞިއްޙީ ޚިދުމަތް ލިބުމުގައި މިހާރު އޮތް ތަފާތު ނައްތާލައި، އެކަމުގައި ހަމަހަމަ ކުރެއްވުމުގެ ގޮތުން، މަޖިލިސް މެންބަރަކަށް ވުމުން.
– ޞިއްޙީ ފަރުވާ ހޯދުމުގައި އޮންނަ ޚާއްޞަ އިނާޔަތް ފަދަ ރައްޔިތުންގެ މެދުގައި ތަފާތު ގެނުވާ ހުރިހާ ތަފާތުތަކެއް އުވާލެއްވުން.
– ބޯހިޔާވަހިކަން ނުވަތަ ގެދޮރު ލިބުމުގައިވެސް، 18 އަހަރުވާ ކޮންމެ މީހަކީ ގޯތިގެދޮރަށް ޝަރުޠު ހަމަވާ މީހެއްކަމުގައި ހަމަޖައްސައި، ގޯތި ލިސްޓުގައި އެމީހެއްގެ ނަން ހިމަނައި، އެމީހަކު އަލުން ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ފޯމް ފުރައި އެކަމަށް އެދޭން ނުޖެހޭގޮތަށް ހަމަޖެއްސެވުން.

ނާޒިމްގެ މި ސިޔާސަތުތައް ހާމަކުރެއްވީ، އެމް.އެން.ޕީ. އިން 2 މާރޗް 2023 ދުވަހުގެ ރޭ "ނާޒިމް ބުނަނީ ކީކޭ؟" މި ނަމުގައި ފެށި ކްލަބް ހައުސް އިވެންޓްގެ ފުރަތަމަ އެޕިސޯޑްގައި "ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނީ ކޮންކަމެއްތޯ؟" އައްސަވައި އެމަނިކުފާނާ ކުރެވުނު ސުވާލުގެ ޖަވާބުގައެވެ.

އެމް.އެން.ޕީ. ގެ ރައީސް މުޙައްމަދު ނާޒިމްގެ މި ސިޔާސަތުތަކުން އެންމެ ބޮޑަށް ހާމަވަނީ ރައްޔިތުންގެ މެދުގައި ހުރި ތަފާތު ތަކެއް ނައްތާލައި، ހަމަހަމަކަން ގެނުވާނެ މުހިއްމު ތަޞައްވުރެއް މި ސިޔާސަތުތަކުގައި އެކުލެވޭކަމެވެ.

މުޙައްމަދު ނާޒިމް ވަނީ އެމް.އެން.ޕީ. ގެ ރިޔާސީ ޓިކެޓު ކަށަވަރުކުރައްވާފައެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހާއެކު ހަދާނެ ޑީލެއް ނޯންނާނެ ކަމަށާއި، 9 ސެޕްޓެމްބަރުގައި ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަން އޮންނާނެ ކަމުގައި ވިދާޅުވެ ނާޒިމް ވަނީ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ޔަޤީންކަން ސަޕޯޓަރުންނަށާއި ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.