މާލެސިޓީ ކައުންސިލުން ވިލިމާލެ އަދި މާލެ ސިޓީގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުއިތަކެއްދޭން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ހަތަރު މަސްދުވަހަށް ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ކުލި މާފުކޮށްދިނުމާއެކު، 4 މަސްދުވަހަށް މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކުގެ ކުލިން 30 އިންސައްތަ ކުޑަކޮށްދިނުމަށެވެ. އަދި މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުން އިތުރު އެއްއަހަރަށް އައު ކުރުމަށްވެސް މާލެ ސިޓީކައުންސިލުން ވަނީ ނިންމާފައެވެ.
މި ނިންމުން ނިންމާފައިވާއިރު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުމުގެ މުއްދަތު މާރޗް މަހުގެ 31 އަށް ހަމަވާނެއެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ޤާއިމު ކުރެވުނު ތަނަކަށް ވުމާއިއެކު ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައިކަމަށް ކައުންސިލުން ބުނެއެވެ. އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެންކަމަށްވެސް ކައުންސިލުން ބުނެއެވެ.
ވިލިމާލޭގައި އަލަށްފަށާ ތަނެއްވީމަ އެސްޓަބްލިޝްވުމަށްދޭ ލުޔެއްގޮތުގަ ހަތަރުމަސް ރެންޓް ފްރީކޮށް މިދެވެނީ، މާލޭގައިވެސް ބޮޑު ޚަރަދުތަކެއް ހިނގަމުންދާ އަދި ތަކެތީގެ އަގުބޮޑުވެގެންދާ ދުވަސްވަރެއްވީމަ ކޮންމެވެސް ވަރެއްގެ ލުޔެއްދިނުމަށް.
– މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.
ވިލިމާލެ އަދި މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް މާލެ ސިޓީކައުންސިލުން ލުއިތަކެއްދޭން ނިންމާފައިވަނީ އެފަރާތްތަކުންވެސް މިފަދަ ލުޔެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.