އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 4-0 އިން އެވަޓަން ބަލިކޮށް އެއް ވަަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލް ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިިދިނީ 40 ވަނަ މިނިޓްގައި އޭރިއާތެެރެއިން ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. މިއީ އޮލެކްސަންޑަ ޒިންޗެންކޯ ދިން ބޯޅައަކުން އޭރިއާތެރެއިން ހަނި އޭންގަލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ސަކާ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަކާ މަސައްކަތްކުރި ބޯޅައެއްގައި އޭރިއާތެރެއިން ލިބުނު ފުރުސަތުން އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ގަބްރިއެލް މާޓިނެލީއެވެ.
ދެ ވަނަ ހާފުގައި އާސެނަލުން ވަނީ ދެ ގޯލު ޖަހައިފައެވެ. އެ ގޮތުން މެޗުގެ 71 ވަނަ މިނިޓްގައި އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ ލެއަންޑްރޯ ޓްރޮސާޑް ނެގި ހުރަހަކުން ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑްއެވެ. އޭގެ ނުވަ މިނިޓް ފަހުން، އެޑީ އެންކެޓިއޭ ނެގި ހުރަހަަކަށް އަރައި މާޓީނެލީ ވަނީ އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިފައެވެ.
މިސީޒަންގެ ލީގުގައި އާސެނަލް ކުޅުނު 25 ވަނަ މެޗުގައި ބުދަ ދުވަހުގެރޭ އެވަޓަން އަތުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު އެއްވަނާގައި އޮތީ 60 ޕޮއިންޓާއެކުއެވެ. ހަމަ އެއަދަދަށް މެޗު ކުޅެގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ދެވަނާގައި އޮތީ 55 ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތީ 49 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑެވެ. އެއީ 24 މެޗުންނެވެ.