ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ފޮންޓެއިން މަރުވެއްޖެ

ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ފޮންޓެއިން މަރުވެއްޖެ

ވޯލްޑްކަޕުގެ އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ފްރާންސްގެ ޖަސްޓް ފޮންޓެއިން އިއްޔެ މަރުވެއްޖެއެވެ.

ފޮންޓެއިން އަތުގައި އޮތް ރެކޯޑަކީ 1958 ވަނަ އަހަރުގެ މުބާރާތުގައި އޭނާ ޖެހި ގޯލުތަކުގެ ރެކޯޑެވެ. އެ މުބާރާތުގައި ކުޅުނު ހަ މެޗުގައި 13 ގޯލު ޖެހިއެވެ. މިއީ މިއަދާ ހަމައަށް ވެސް ރެކޯޑެވެ. މީގެ ފަހުން ފަހުގެ ތާރީހެއްގައި އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންނަކީ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ ނަޒާރިއޯއެވެ. މި ދެ ކުޅުންތެރިން ޖަހާފައިވަނީ 8 ގޯލެވެ.

ފޮންޓެއިން މަރުވުމާ ގުޅިގެން، ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަން އިން ނެރުނު ބަޔާނެއްގައި އޭނާ ސިފަކޮށްފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށެވެ. ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ފޮންޓެއިން މަރުވި ހަބަރަކީ ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ލިބުނު ހިތާމައެއް ކަމަށެވެ.

ފޮންޓެއިން ވަނީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ފްރާންސް އިން ހޯދިއިރު، މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ގޯލު ޖަހައިފައެވެ. ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ޖުމްލަ 21 މެޗުގައި ފޮންޓެއިން ވަނީ 30 ލަނޑު ޖަހައިފައެވެ.

މޮރޮކޯ އަށް އުފަން ފޮންޓެއިންގެ ކްލަބު ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ ސްޓާޑް ޑެ ރެއިމްސްގައެވެ. އެ ކްލަބަށް ކުޅުނު 152 މެޗުގައި އޭނާ ވަނީ 145 ލަނޑު ޖަހައިފައެވެ. ފްރާންސް ލީގުގެ ނީސް އާއި ރެއިމްސް އަށް ކުޅުނު ފޮންޓެއިން، އުމުރުން 28 އަހަރުގައި 1962 ގައި ކުޅުން ހުއްޓާލަން ޖެހުނީ ފައި ބިނދުމުންނެވެ. އޭނާ ވަނީ ފްރާންސަށް 21 މެޗުން 30 ގޯލް ޖަހައިދީފައެވެެ.

ފޮންޓެއިން ވަނީ 1967 ވަނަ އަހަރު ފްރާންސް ގައުމީ ޓީމަށް ދެ މެޗު ކޯޗުކޮށްދީފަ އެވެ. އޭގެ ފަހުން ފްރާންސްގެ މިހާރުގެ ގަދަބާރު ޕީއެސްޖީއަށް ކޯޗުކޮށްދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް އަރުވައިދިނެވެ. އަދި މޮރޮކޯއާ ހަވާލުވެ 1980 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތިން ވަނަ ހޯދައިދިނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *