ހުޅުމާލެ ދެވަނަ ފިޔަވަހިން ސަރުކާރަށް 17 ބިމެއް ވިއްކީ ފްލެޓް އަޅަން ކަމުގައި އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީގެ ދެވަފަ ފޭސްގެ ހިއްކި ބިމުން ބޮޑު ސަރަހައްދެއް ފިނޭންސް މިނިސްޓްރީގެ މިލްކުވެރިކަމަށް ބަދަލު ކޮށްފައިވާކަން ސިވިލް ކޯޓުގެ ހުކުމަކުން ހާމަވެފައިވަނިކޮށް، މި މުޢާމަލާތާއި ގުޅޭގޮތުން އެޗްޑިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ގަނެފައިވާ 17 ބިމަކީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ ފަރާތުން އިޖުތިމާޢީ ބޯހިޔާވަހިކަމުގެ 4،000 ޔުނިޓްގެ މަޝްރޫޢު ހިންގުމަށް އެ ކޯޕަރޭޝަނާއެކު ފިނޭންސް މިނިސްޓްރީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވިއްކާފައިވާ ބިންތަކެއް ކަމުގައެވެ.
އަދި މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށްޓަކާ ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކާ ޚަލާސްކުރުމުން، ކޯޓު މެދުވެރިކޮށް މިމަހު މި ބިންތަކުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީއަށް ބަދަލު ކުރެވިފައިވާކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ހުޅުމާލޭގެ ފޭސް 2 ހިއްކުމަށާއި، އެކި އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިފައިވަނީ ލޯން ނަގައިގެންނާއި އެނޫން ގޮތްގޮތުންވެސް ޚަރަދު ކޮށްގެން ކަމަށްވާތީ، ހުޅުމާލޭގެ ބިން އެކި ބޭނުންތަކަށް ދިނުމާއި ވިއްކުމަށް ބިމުގެ އަގު އެކުންފުނިން ކަނޑައަޅާފައި ވާކަމުގައެވެ.
މިގޮތުން، ކޮންމެ މަޝްރޫއެއް ހިންގުމަށްޓަކާވެސް، ބިމުގެ އަގު ދެއްކުމުން މިއުސޫލުން އެ ބިމެއްގެ މިލްކުވެރިކަން ގަންނަ ފަރާތަކަށް ބަދަލު ކުރެވޭކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނެފައިވަނީ، ސަރުކާރަށް ވިއްކާފައިވާ ބިންތަކަކީ އިޖުތިމާއީ ބޯހިޔާވަހިކަން ތަރައްގީކުރުމަށް ބޭނުންކުރެވޭ ބިންތަކަކަށް ވާތީ، މިބިންތަކުގެ އަގުތައް ކަނޑައެޅިފައިވަނީ، އާންމުންނަށް ލުއި އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމާޒު ކުރެވިގެން ކަމުގައެވެ.
ހުޅުމާލޭގެ ގިނަ އަދަދެއްގެ ސަރަހައްދުތަކެއް ސަރުކާރުން ގަނެފައިވާކަން ހާމަވީ، ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން ކޮށްފައިވާ މި މުޢާމަލާތަކީ ސައްޙަ މުޢާމަލާތެއްކަމަށް ކަނޑައަޅާ ދިނުމަށް ސިވިލް ކޯޓަށް އެޗްޑީސީން ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު ކޯޓުން އާންމު ކުރި ހިސާބުންނެވެ.
ސިވިލް ކޯޓުން އާންމު ކުރި ރިޕޯޓުގައި ހިމަނާފައިވާ، މިމުޢާމަލާތް ނިންމުމަށް ކޮށްފައިވާ ހުކުމުގައި ވާގޮތުން ފިނޭންސް މިނިސްޓްރީން ގަނެފައިވާ މި 17 ބިމުގެ ސައިޒަކީ ޖުމްލަ 552،429.91 އަކަ ފޫޓެވެ. މި ބިންތަކަށް ފިނޭންސް މިނިސްޓްރީން އެޗްޑީސީއަށް ދައްކާފައިވާ ޖުމްލަ އަގަކީ 878،363،556.90 ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ