މި ސަރުކާރުން އެމަނިކުފާނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައި ނޯންނާނެ ކަމަށާއި، ލިބުނު ފައިސާއެއްވިއްޔާ ލިބިފައިން އޮތީ ޝަރުޢީ 3 މަރުހަލާވެސް ނިމި، އެ މަރުހަލާގެ ތެރެއިންކަމުގައި، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހަށް ވަޑައިގެން، ރައީސް ސާލިހުއާއި ބައްދަލު ކުރެއްވުމަށްފަހު، ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، މިވެރިކަމުގައި ލިބިވަޑައިގެންނެވި 16.9 މިލިއަން ޑޮލަރަކީވެސް ބަދަލުގެ ގޮތުގައި ލިބުނު ފައިސާއެެއް ނޫންކަމަށާއި، އެއީވެސް ސަރުކާރުން ދޭންޖެހޭ ތަންތަން ގަނޫނާއި ޚިލާފަށް ނުދިނުމުގެ ސަބަބުން ސަރުކާރަށް ކުރިން ދައްކާފަ ހުރި ފައިސާ ކަމުގައެވެ.
އެއީ ބަދަލުގެ ގޮތުގައި ހޯދި އެއްޗެއް ނޯންނާނެ. އަޅުގަޑު އަތުން ދައުލަތަށް ދައްކާފަހުރި 16.9 މިލިއަން ޑޮލަރުގެ ބަދަލުގަ، ބަދަލުގައެއް ނޫން، އެލާރި އަޅުގަޑަށް އަބުރާ ދިނީ، އެތަންތަން އަޅުގަޑަށް ނުދިނީ ސަރުކާރުން ގާނޫނާ ޚިލާފަށް، ގަވާއިދާ ޚިލާފަށް.. ޝަރީއަތުގެވެސް 3 މަރުހަލާ ނިމިގެން ގޮސް އަޅުގަޑަށް ދޭން ހުކުމް ސުޕްރިމް ކޯޓުން ކުރެއްވި އެއްޗެއް އަޅުގަޑަށް ދީފަ ހުރީ. އެއީ އަދި ބަދަލުގެ ގޮތުގައި އައި އެއްޗެއް ނޫން.
މިސަރުކާރުން ގާސިމްއަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއަކީ އެއީވެސް ޝަރުއީ މަރުހަލާތައް ނިމި، އެމަރުހަލާތަކުގެ ތެރެއިން ލިބިލެއްވި ފައިސާކަމަށް ހާމަ ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދަޅުވީ، މި ސަރުކާރުންވެސް، އަދި އެއްވެސް ސަރުކާރަކުންވެސް އެއްވެސް ފައިސާއެއް ސުޕްރިމް ކޯޓުގެ މަރުހަލާއާއި ހަމައިން ނޫންގޮތަކަށް ލިބިލައްވާފައި ނޯންނާނެ ކަމުގައެވެ.
ޝަރުޢީ ދާއިރާގެ 3 މަރުހަލާ ނިމިގެން ގޮސްފަ ހުރިކަމެއް ނޫންކަމެއް އަޅުގަޑަށް ސަރުކާރުން ކޮށްދެއްވާފައެއް ނޯންނާނެ. މި ސަރުކާރުންވެސް، އެއްވެސް ސަރުކާރަކުން. އަންޑަރސްޓޭންޑް!
ނޫސްވެރިއަކު ކުރި ސުވާލަކަށް، ނުރުންވެ ހުންނަވާ ޖަވަބު ދެއްވަމުން ގާސިމް ވިދާޅުވިއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހައްދަވާނެ ޕާޓީއަކާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު، މިއަދު ގާސިމްވަނީ ރައީސް ސާލިހާއި ބައްދަލު ކުރައްވާފައެވެ. އަދި މިއަދުގެ ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ، މިހާރު ވެރިކަން ކުރާކޯލިޝަންގައި ދެމި އޮތުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ.
މިއަދު ގާސިމް ގާސިމް ރައީސް ސާލިހާއި ބައްދަލު ކުރައްވާފައިވާއިރު، އިއްޔެގެ ވަގުތެއްގައި ގާސިމްގެ އެޑްވައިޒަރުކަމަށް ދާދިފަހުން އައްޔަން ކުރެއްވި، ކުރީގެ މަޖިލިސް މެމްބަރު އިލްހާމް އަހުމަދު ވަނީ ގާސިމްގެ ފަރާތުން، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުގެ ލީޑަރު މުހައްމަދު ނަޝީދާވެސް ބައްދަލު ކުރައްވާފައެވެ.
ގިނަ ބަޔަކު ތުހުމަތު ކުރަމުންދަނީ، ކޯލިޝަން ހައްދަވާނެ ވަކިފަރާތެއް ނުނިންމަވާ، ގާސިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބޮޑު ލޯނެއް ނެންގެވުމަށް ސަރުކާރު ސޮވެރިންގ ގެރެންޓީއެއް ހޯއްދެވުމަށެވެ. އެހެންނަމަވެސް ގާސިމްގެ ފަރާތުން ވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ