އެމްއާރުއެމްއިން ރިޔާސީ އިންތިޚާބުގައިވެސް އަދި އެނޫން އިންތިޚާބެއްގައިވެސް ޕާޓީއަކާއި ކޯލިޝަން ހަދާއިރު ބަލަނީ ފެންނަ ހުންނަ ކެނޑިޑޭޓަށް ނޫންކަމަށާއި، އެބޭފުޅުން ގެންގުޅުއްވާ އުސޫލުތަކަށް ކަމުގައި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ފާރިސް ވިދާޅުވީ އެމްއާރުއެމްއަކީ އެއްވެސް އިރެއްގައި ވަކި މީހަކަށް، ނުވަތަ ވަކި ކެނޑިޑޭޓަކަށް ތާއީދުކޮށްގެން މަސައްކަތް ކުރި ޕާޓީއެއް ނޫންކަމަށެވެ. އެމްއާރުއެމްއިން ގަބޫލު ކުރާ ހަމަތަކަކީ އަބަދުވެސް ޕާޓީއަކުން ނުވަތަ ކެނޑިޑޭޓުން ގެންގުޅުއްވާ އުސޫލުތަކާއި ހަމަތަކަކީ ކޮބައިތޯ ބަލައި އެކަމަށް އިސްކަން ދިނުން ކަމަށެވެ.
ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި ޤައުމަށް އެންމެ ލާބަހުރި ގޮތަކަށް މަސައްކަތް ކުރާނީ ކޮން ޕާޓީއަކުން ނުވަތަ ކޮން ކެނޑިޑޭޓަކު ހުށަހަޅާ ކަންތައްތަކަކުންތޯ އަބަދުވެސް ބަލާނެކަމަށް ފާރިސް ވިދާޅުވިއެވެ. ރައްޔިތުންނަށްވެސް މުހިންމުވާނީ މީހާ ނޫންކަމަށާއި، ރައްޔިތުންނަށް ހެވާއި ލާބަހުރި އުސޫލުތަކާއި، ހަމަތަކަށް ދެމެހެއްޓޭނެ ގޮތެއްވުންކަމަށް ފާރިސް ވިދާޅުވިއެވެ.
އެމްއާރުއެމްއަކީ ވަކި ބޭފުޅަކަށް ނިސްބަތްކޮށް ނިންމުންތައް ނިންމާ ބައެއްނޫން. ސިޔާސީ ކަންކަމުގައި މި އޮންނަނީ އެގެން ގުޅުއްވާ އުސޫލުތަކާއި އެއަށް އަމަލު ކުރައްވާ ގޮތް. ކޮންމެ ޕާޓީއެއް ވިޔަސް އެޕާޓީއެއްގެ ތެރޭގައި ހުރި ނިޒާމްތަކެއް އުސޫލުތަކެއް އެދެމެހެއްޓޭ މިންވަރެއް އަޅުގަނޑުމެން މިނެކިރާނީ. ވަކި ކެނޑިޑޭޓަކު ނުވަތަ ބޭފުޅަކު ވަޑައިގަންނަވަނީ ކޮން ހަރުދަނާ އުސޫލުތަކަށް ބިނާވެތޯ އަދި އެމްއާރުމްއިން ރައްޔިތުންނާއި ހިއްސާ ކުރާ އުސޫލުތައް، މިއިސްލާހުތައް ބަލައި ގަނޭތޯ ނޫންތޯ އެކަނި އަޅުގަނޑުމެން ބަލާނީ.
– ފާރިސް މައުމޫން ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އެޕާޓީއަކީ މިހާރުވެސް ކޯލިޝަނެއްގެ ތެރޭގައި އޮތް ޕާޓީއެއްކަމަށެވެ. ނަމަވެސް ހިތްހަމަޖެހޭ ކަންތައްތަކާއި ހިތްހަމަ ނުޖެހޭ ކަންތައްތައްވެސް ކޯލިޝަން ތެރޭގައި ހުރިކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި، ރައްޔިތުންގެ ތެރޭގައި އޮތް ހަމަޖެހުމަށް ބަލާއިރު ނިމިދިޔަ ދައުރަށް ވުރެއް މާބޮޑަށްވެސް އެކަންކަން ރަނގަޅަށް ގާއިމް ކުރެވިފައިވާކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްއިން ކެނޑިޑޭޓަކު ނެރޭނީތޯ ނޫންކަމަ ކޯލިޝަނެއްގެ ތެރެއިން ވާދަކުރާނީތޯ އަދި ނިންމާފައި ނުވެއެވެ. މިހާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އަދި ރައީސް ޞާލިހުގެ ފަރާތުން ކޯލިޝަން މަޝްވަރާއަކަށް ވަނީ އެދިފައެވެ. ނަމަވެސް އެޕާޓީން ބުނެފައިވަނީ ގޮތެއް ނިންމޭނީ ރައީސް މައުމޫން ރާއްޖެ ވަޑައިގެން ރައީސް ޞާލިހާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
ކޮމެންޓު ފޮނުވާ