މޯލްޑިވްސް އެއަރޕޯޓުސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެކުންފުނީގެ ބީލަންތައް މެނޭޖު ކުރުމަށްޓަކާ އޮންލައިން ޓެންޓަރ ޕޯޓަލްއެއް ލޯންޗު ކުރުމަށް ނިންމައިފިއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮންލައިން ޕޯޓަލްގެ ބޭނުމަކީ ބީންލަންތަކާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ވަކި ޕޯޓަލްއަކުން ސްޓްރީމްލައިން ކުރުމުގެ އިތުރުން، މިފަދަ ހުރިހާ މަސައްކަތްތަކުގެ ޓްރާންޕޭރެންސީ އިތުރުކުރުމެވެ.
މި އޮންލައިން ޕޯޓަލް ލޯންޗު ކުރުމަށް ހަމަޖެހިފައިވަނީ މިފެށޭ މާޗްމަހުގެ 5 ވަނަ ދުވަހުއެވެ.
މި ޕޯޓަލް ބޭނުންކުރަން ފެށުމުން، ވެންޑަރ ރެޖިސްޓްރޭޝަންއާއި، ޓެންޑަރ ކުރުމާއި، ބީލަންތަކަށް ކުރިމަތި ލުމާއި، އެމްއޭސީއެލްއިން އާންމު ކުރާ ރިކުއެސްޓު ފޯރ ކޯޓޭޝަން (RFQ)އާއި އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް (EOI) ތައްވެސް މި ޕޯޓަލްއިން ލިބެން ހުންނާނެ ކަމުގައިވެސް އެކުންފުނިން ހާމަ ކޮށްފައިވެއެވެ.
އެމްއޭސިއެލްއިން ބުނެފައިވަނީ، މި ޓެންޑަރ ޕޯޓަލް ޑިޒައިން ކޮށްފައިވަނީ، ޓެންޑަރ ޕްރޮސެސްގެ ޓްރާންސްޕޭރެންސީ އިތުރުކޮށް، ހަމަހަމަ ކަމާއިއެކު ޕްރޮކިއުމަންޓް ޕްރޮސެސް ކުރިޔަށް ގެންދިއުމުގެ އިތުރުން، ވެންޑަރތައް ރަޖިސްޓްރީ ކުރުމާއި، ޓެންޑަރ ޕްރޮސެސްތަކުގައި ބައިވެރިވެވޭނެ އޮންލައިން ޕްލެޓްފޯމެއްގެ ގޮތުގައި ކަމުގައެވެ.
އޭގެ އިތުރުންވެސް، ޑޮކިއުމަންޓްތައް އެއްކަރުދާސްކޮށް ހުށަހަޅަން ޖެހުމުގެ ބަދަލުގައި، މި ޕްލެޓްފޯމު ބޭނުންކުރަން ފެށުމުން، އޮންލައިންކޮށް ހުށަހެޅޭނެމަގު ފަހިވެ، މައްސަލަތައް ކުރިމަތިވުމުގެ ރިސްކު ކުޑަކުރެވި، މުޅި ޕްރޮކިއުމަންޓް ޕްރޮސެސްގެ އިތުބާރު ބޮޑުވެގެން ދާނެކަމުގައިވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނީގެ ވެބްސައިޓުގައިވާ ޓެންޑަރ ޕޭޖުން ވެންޑަރތަކަށް އެކުންފުނީގައި ރަޖިސްޓްރީ ވެވޭނެ ކަމުގައެވެ. މިގޮތުން، ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، ވެންޑަރ ޕްރޮފައިލް އަޕްޑޭޓްކޮށް، ވެންޑަރތަކަށް އެފަރާތްތަކުގެ ހުރިހާ ޓެންޑަރތަކެއްވެސް މި ޕޯޓަލްއިން ބަލާލެވެން ހުންނާނެ ކަމުގައެވެ. އަދި ޓެންޑަރތައް އެޕްރޫވް ކުރުމުން، ވެންޑަރތަކަށް މި ޕޯޓަލްގެ "އެކްޝަންސް" މެނޫ މެދުވެރިކޮށް، އޮފަރ ތަކާއި އަދި އެފަރާތްތަކުގެ ކުއެރީތައް ހުށަހެޅުމުގެ ފުރުސަތު ލިބގެންދާނެކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
އެމްއޭސީއެލްއިން ބުނެފައިވަނީ، ޓެންޑަރ ޕޯޓަލްއަކީ އެކުންފުނި ޑިޖިޓަލައިޒްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައެވެ. އަދި މިއީ އެ ޓްރާންސްޕޭރެންސީ ޕްރޮމޯޓުކޮށް، ކުންފުނީގެ އެންމެހާ އޮޕަރޭޝަންތަކުގެ ފުރިހަމަކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަކުގެ ވަރަށް މުހިންމު ބައެއްކަމުގައިވެސް އެކުންފުނިން ފާހަގަ ކޮށްފައިވެއެވެ.
އެމްއޭސީއެލްއިން ބުނެފައިވަނީ، މި ޕޯޓަލްއަކީ ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ، މުޅި ޕްރޮކިއުމަންޓް ޕްރޮސެސްގެ ފުރިހަމަކަން އިތުރުކޮށްދޭނެ އޮންލައިން ޕޯޓަލްއަކަށް ވެގެންދާނަކަމާމެދު އެއްވެސް ޝައްކެއް ނެތްކަމުގައެވެ.