ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިއްކާފައިވާ ބިމުން 17 ސަރަހައްދެއް ސަރުކާރުގެ ބޭނުމަށް ފިނޭންސް މިނިސްޓްރީން ގަނެފިއެވެ.
ހުޅުމާލޭގެ ގިނަ އަދަދެއްގެ ސަރަހައްދުތަކެއް ސަރުކާރުން ގަނެފައިވާކަން ހާމަވީ، ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން ކޮށްފައިވާ މި މުޢާމަލާތަކީ ސައްޙަ މުޢާމަލާތެއްކަމަށް ކަނޑައަޅާ ދިނުމަށް ސިވިލް ކޯޓަށް އެޗްޑީސީން ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު ކޯޓުން އާންމު ކުރުމާއެކުއެވެ.
ސިވިލް ކޯޓުން އާންމު ކުރި ރިޕޯޓުގައި ހިމަނާފައިވާ، މިމުޢާމަލާތް ނިންމުމަށް ކޮށްފައިވާ ހުކުމުގައި ވާގޮތުން ފިނޭންސް މިނިސްޓްރީން ގަނެފައިވާ މި 17 ބިމުގެ ސައިޒަކީ ޖުމްލަ 552،429.91 އަކަ ފޫޓެވެ. މި ބިންތަކަށް ފިނޭންސް މިނިސްޓްރީން އެޗްޑީސީއަށް ދައްކާފައިވާ ޖުމްލަ އަގަކީ 878،363،556.90 ރުފިޔާއެވެ.
މިހަފްތާގެ އާދީއްތަ ދުވަހު، ސިވިލްކޯޓުގެ ގާޒީ، ހާފިޒާ އަބުދުއްސައްތާރު، މިއީ ސައްޙަ މުއާމަލާތެއްކަމަށް ކަނޑައަޅުއްވާ ކުރެއްވި ހުކުމުގައި ވަނީ މި ބިންތަކުގެ މިހާރުގެ މިލްކުވެރި ފަރާތަކީ ފިނޭންސް މިނިސްޓްރީ ކަމުގައެވެ.
ސަރުކާރުން ބޮޑު ޚަރަދެއް ކޮށްގެން ތަރައްގީ ކުރަމުންދާ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގިނަ ބިންތަކެއް ސަރުކާރުން ގަތް ސަބަބެއް އަދި އެގިފައެއް ނުވެއެވެ. އަދި މާލީގޮތުން ދައުލަތަށް ގޮންޖެހުން ތަކާއި ކުރިމަތި ވެފައި ވާއިރު، ބޮޑު އަދަދެއް ކުއްލި ގޮތަކަށް ގިނަ ބިންތަކެއް ގަތުމަށް ފައިސާ ދެއްކުމަށް ދައުލަތުގެ ބަޖެޓުން ހޭދަ ކުރި ސަބަބެއްވެސް ސަރުކާރުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް ފާއިތުވެދިޔަ މުއްދަތުގައި އެޗްޑީސީއަށް މާލީ ދަތިތައް ކުރިމަތިވެ، ސަރުކާރުން ވަނީ އެކުންފުނި ހިންގުމަށް ސަބްސިޑައިސްވެސް ކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ